ޚަބަރު

ސްވިޑްންއިން އޮލިމްޕިކްސްގެ ކުއާޓަރ ފައިނަލުން ޖާގަހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި އަންހެނުންގެ ފުޓުބޯޅަ އިވެންޓްގައި ސްވިޑްންއާއި ނިއުޒީލަންޑް ބައްދަލުކުރި މެޗު ސްވިޑްން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަހޯދައިފިއެވެ. ގްރޫޕް ޖީގެ މި މެޗު ސްވިޑްން ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ޙަމަލާ އުފައްދާފައިވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ސްވިޑްންއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗްގެ 17ވަނަ މިނެޓުގައި ޖަހާދިނީ އަނާ އެންވެގާރޑްއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 29ވަނަ މިނެޓުގައި ޖަހާދިނީ މެޑެލެން ޔަނޮގީއެވެ. މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުޞަތު ދެޓީމަށްވެސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ކާމިޔާބީއާއެކު ސްވިޑްން ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން ދެވަނައަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއެވެ. އެމެރިކާއާއި އޮސްޓްރޭލިއާ މިއަދު ބައްދަލުކުރި މެޗު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނީ އެއްވަރު ވެގެންނެވެ. އެހެންކަމުން އެމެރިކާ ކުއާޓަރ ފައިނަލުން ޖާގަހޯދާފައިވަނީ އޮސްޓްރޭލިއާއާއި ޕޮއިންޓްގެ ގޮތުން އެއްވަރު ވީ ނަމަވެސް ޖަހާފައިވާ ލަނޑަށް ބަލާއިރު ކުރި ލިބޭތީއެވެ.

އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނައަށް ދިޔަ ޓީމުގެ ތެރޭގައި ހިމެނިގެން އޮސްޓްރޭލިއާވެސް ކުއާޓަރ ފައިނަލުންވަނީ ޖާގަހޯދާފައެވެ. ސްވިޑްން ކުއާޓަރ ފައިނަލުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އީގެ ތިންވަނަ ޓީމު ކަމަށްވާ ޖަޕާންއާއެވެ. އަދި އެމެރިކާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ނެދަލަންޑްސްއާއެވެ.