ޚަބަރު

ސަލްމާން މިސްކިތުގެ ޑިޒައިން ކޮޕީ ކުރި މައްސަލައިގަ ދިވެހި ދައުލަތާ ދެކޮޅަށް ދަޢުވާކުރަނީ


ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީއެއް ކަމަށް ބުނެ އެމައްސަލައިގައި ދިވެހި ދައުލަތާ ދެކޮޅަށް ދައުވާކުރާނެ ކަމުގެ އިންޒާރު މެލޭޝިއާގެ ކުންފުންޏަކުން ދީފިއެވެ.

ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިން ބިނާކުރި ކިންގް ސަލްމާން މިސްކިތަކީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ އެންއާރްވައި އާކިޓެކްސްއިން ހުށަހެޅި ޑިޒައިނެއް ކަމަށް ބުނެ އެ ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ އެ ސިޓީގައި މެލޭޝިޔާގެ ކުންފުނީގެ ޑިޒައިނެއް ކޮޕީކޮށްގެން ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އެ މައްސަލައިގައި މެލޭޝިއާ ކުންފުނީގެ ހައްގު ހޯދުމަށްޓަކައި ކޯޓަށް ދާނެ ކަމަށް ބުނެފައިވާކަމަށެވެ. އަދި އެ ކުންފުނީގެ މީހުންގެ އަތުގައި ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތެރޭގައިވެސް ބައްދަލުވުންތައް ބޭއްވި ކަމަށާއި އެ ސިޓީއާ ގުޅޭ މައްސަލަ މިހާރު އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާ އެމައްސަލަ ބަލަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ކުންފުނިން މަޝްވަރާ ކުރި ޑިޒައިންތަކާ މިހާރު އަޅާފައިވާ މިސްކިތުގެ ޑިޒައިނަށް ބަލާއިރު ގެނެސްފައިވަނީ ކުޑަ ބަދަލެއްކަމަށެވެ.

ކިންގް ސަލްމާން މިސްކިތް އަޅަން މެލޭޝިޔާ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސްއާއެކު ސަރުކާރުން މަޝްވަރާތަކެއް ކުރިއެވެ. ނަމަވެސް، އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއަށެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވުމާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީން ވިދާލުވީ މިސްކިތް ހުޅުވުން ލަސްވަމުންދަނީ ސައުދީގެ އޮފިޝަލުންގެ ވަފުދު ރާއްޖެއަށް އައުން ލަސްވަމުންދާތީކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޟޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

މިސްކިތް ޒީނަތްތެރިކުރުމުގެގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.