ޚަބަރު

ކޯވިޑް ޖެހިގެން ދުވާފަރުން މީހަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން ދުވާފަރުން ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިއަދު މެންދުރު 12 ޖެހިއިރު ދުވާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 220 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 201 ދިވެހިންނާއި 19 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވެ މިބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް މަދުކުރެވިފައެވެ. ރާއްޖެއިން މިހާތަނަށް ޖުމްލަ 76848 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު 2597 މީހުން މިބަލީގައި ފަރުވާ ހޯދަމުން އަންނައިރު މީގެ ތެރެއިން 13 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.

ޢީދު ބަންދާ ދިމާކޮށް މިދުވަސްވަރު ގިނަ ބަޔަކު ރަށްރަށަށް ދަތުރުކޮށްފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.