ޚަބަރު

18 އަހަރުފަހުން ޢިރާޤުން އެމެރިކާގެ ފައުޖުތައް ފައިބަން އެއްބަސްވެއްޖެ


18 އަހަރަށްފަހު ޢިރާޤުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެ ޤައުމުން ފައިބަން އެއްބަސްވެއްޖެއެވެ. މި އަހަރު ނިމުމުގެ ކުރިން އެމެރިކާގެ ފައުޖުތައް ފައިބަން އެއްބަސްވި ނަމަވެސް އެ ޤައުމުގެ އަސްކަރީ މުޝީރުން ޢިރާޤުގައި ޙަރަކާތްތެރިވާނެއެވެ.

ޢިރާޤުން އެމެރިކާގެ ފައުޖުތައް ފައިބަން އެއްބަސްވެފައިވަނީ ޢިރާޤުގެ ބޮޑުވަޒީރު މުސްޠަފާ ކާޟިމީ އެމެރިކާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޖޯ ބައިޑަންނާއެކު ކުރެއްވި މަޝްވަރާތަކުގައެވެ. އެއީ އެ ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެމެރިކާގެ ފައުޖުތައް ޢިރާޤުން ފޭބި ނަމަވެސް ޢިރާޤުން ބޭނުންވާ އަދި އެދޭ ކަންކަމުގައި އެހީތެރިވުމުގައި އެމެރިކާއިން ދެމިއޮންނާނެކަމަށެވެ.

2003ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ޢިރާޤު އިސްތިޢުމާރުކޮށްފައިވަނީ އެ ޤައުމުގެ އޭރުގެ ރައީސް ސައްދާމު ޙުސައިން ފަނާކުރުވަނިވި ނުރައްކާތެރި ހަތިޔާރު އުފައްދަމުންދާކަމަށް ތުޙްމަތުކޮށްފައެވެ. ނަމަވެސް އެފަދަ އެއްވެސް ހަތިޔާރެއް ޢިރާޤުން ފެނިފައެއް ނުވެއެވެ. އަދި ޢިރާޤުގެ ކޯޓަކުންވަނީ ސައްދާމުގެ މައްޗަށް މަރުގެ ޙުކުމުކޮށް ދަންޖައްސާ އޭނާ އަވަހާރަކޮށްލައިފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ޢިރާޤުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތާ ހަނގުރާމަކުރުމަށެވެ. އެ ގޮތުން ޢިރާޤުގައި އެމެރިކާގެ 2.500 ސިފައިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާގެ ސިފައިންގެ ހަމައެކަނި މަސައްކަތްތަކަށްވާނީ ޢިރާޤުގެ ސިފައިން ތަމުރީނުކުރުމެވެ.

ޢިރާޤުން އެމެރިކާގެ ފައުޖުތައް ފައިބަން އެއްބަސްވުމަކީ ކާޟިމީގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފާއިތުވި މަސްތަކުގައި ޢިރާޤުގެ ޢާންމުންގެ ނުރުހުމާއި ރުޅިވެރިކަންވަނީ އެމެރިކާގެ ފައުޖުތަކަށް ޢަމާޒުވެފައެވެ. އަދި ޢިރާޤުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުންވަނީ އެ ޤައުމުން އެމެރިކާގެ ފައުޖުތައް ބޭލުމަށް ކާޟިމީގެ ސަރުކާރަށް ބާރުއަޅައިފައެވެ. އެ ޖަމާޢަތްތަކުގެ ތެރޭގައި ޢިރާޤުގެ ސަރުކާރުން ބަލައިގެންފައިވާ އީރާނުގެ މަދަދު ލިބެމުންދާ ޝިޢީ ހަނގުރާމަވެރި ޖަމާޢަތްތައް ހިމެނެއެވެ.

އޭގެ އިތުރުން އެމެރިކާއިންވަނީ އެއްވެސް ޝަރުތަކާ ނުލައި އަފްޣާނިސްތާނުން ފޭބުމަށްވެސް ނިންމައިފައެވެ. އެ ގޮތުން 20 އަހަރަށްފަހު އެމެރިކާގެ ފައުޖުތަކުގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯގެ ފައުޖުތައް އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ.