ދުނިޔޭގެ ވިޔަފާރި

އިޤްތިޞާދު ހަމައަކަށް އެޅުވުމަށް މަސައްކަތްނުކުރާތީ ޠޫނިސްގައި މުޒާހަރާކޮށްފި


ކޯވިޑްގެ ބަލިމަޑުކަން އިތުރުވެ އޭގެ ނޭދެވޭ އަސަރު ޠޫނިސްގެ އިޤްޠިޞާދަށް ކުރަމުންދާތީ އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ސަރުކާރު އިޞްޠިއުފާ ދިނުމަށް ގޮވާލައި މުޒާހަރާކޮށްފިއެވެ.

ޠޫނިސްގެ ވެރިރަށުގައާއި އެނޫންވެސް ސަރަޙައްދުތަކުގައި އާދީއްތަދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ ބޮޑުވަޒީރު ހިޗެމް މެޗިޗީ އިޞްޠިއުފާ ދިނުމަށާއި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސްވެސް އުވާލުމަށެވެ. މުޒާހަރާ ރޫޅާލުމަށް ޠޫނިސްގެ ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ.

ޠޫނިސްގެ ސޫސް ސިޓީގައި މުޒާހަރާކުރި މީހުންވަނީ އެ ސިޓީގައި ހުންނަ އެޤައުމުގެ އެންމެ ބޮޑު ޕާޓީ އިސްލާމިސްޓް އެނަދާގެ އޮފީހަށް ޙަމަލާދޭން މަސައްކަތްކޮށްފައެވެ. މީގެއިތުރުން ޠާޒީރު ސިޓީގައި ހުންނަ އެނަދާގެ އޮފީހުގައި މުޒާހަރާގެ ބައިވެރިން ވަނީ އަލިފާންވެސް ރޯކޮށްލާފައެވެ.

ޠޫނިސްގެ ރައީސްކަން ގިނަ ދުވަހު ކުރައްވާފައިވާ ޒައިނަލް އާބިދީން ބިން ޢަލީ ވެރިކަމާއި ދުރުކުރުމުގެ ގޮތުން 2011 ވަނަ އަހަރު ޠޫނިސްގައި ކުރިއަށްގެންދިޔަ މުޒާހަރާތަކާއި ގުޅިގެން އެ ޤައުމުގެ އިޤްޠިޞާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މި ހީނަރުކަމުން އަރައިނުގަނެވި އުޅެނިކޮށް މިދިޔަ އަހަރު ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިޤްޠިޞާދު ވަނީ އިތުރަށް ހީނަރުވެފައެވެ.
މިއާއެކު އެ ޤައުމުގައި ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވެ، ސަރުކާރުން ދޭ ޚިދުމަތްތައްވެސް ވަނީ މަދުވެފައެވެ.

ރައްޔިތުންނަށް ބޭނުންވާ ވަޒީފާތައް ނުލިބޭ ކަމަށާއި ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ނުކުރެވޭއިރު، ބަލިން ދިފާޢުވުމަށް ދޭ ވެކްސިންވެސް ސަރުކާރަށް ނުދެވޭ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

ސިއްޙީ ނިޒާމް ފެއިލްވެ ވެކްސިން ފޯރުނުކޮށްދެވުމުގެ ސަބަބުން މިދިޔަ ހަފްތާ ޠޫނިސްގެ ސިއްޙަތާއިބެހޭ ވަޒީރު ވަނީ މަޤާމުން ދުރުކޮށްފައެވެ. އެ ވުޒާރާއިން މީގެކުރިން ބުނެފައިވާގޮތުގައި ސިއްޙީ ނިޒާމް ފެއިލްވެ 12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޠޫނިސްގެ 17000 މީހުން ވަނީ ބަލިމަޑުކަމުގެ ތެރޭގައި މަރުވެފައެވެ.

މިކަމުގެ ސަބަބުން ބޮޑުވަޒީރު މެޗިޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއިއެކު ގިނަދުވަސްތަކެއްގެ މަޝްވަރާއަށްފަހު ކޯވިޑްގެ ބަލިމަޑުކަމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް އެޤައުމުގެ އަސްކަރިއްޔާއިން ނެގުމަށް ރައީސް ކައިސް ސައީދު ވަނީ ޢަމުރުކުރައްވާފައެވެ.

ޤައުމުގެ މާލީޙާލަތު ރަނގަޅުކޮށް މިކަންތައްތަކުން އަރައިގަތުމަށް ލޯނު އެހީ ހޯދުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއިއެކު މަޝްވަރާތައް ކުރިއަށްގެންދިއުން މުހިންމު ކަމުގައި ތަޖުރިބާކާރުން ބުނެއެވެ.