ޚަބަރު

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމަށް ބިލިޔަނަރެއް


ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމަށް 65 އަހަރުގެ ބިލިޔަނަރެއްކަމަށްވާ ނަޖީބު މީޤާތީ ޢައްޔަންކޮށްފިއެވެ.

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމަށް މީޤާތީ ޢައްޔަންކޮށްފައިވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓަކަށްފަހުއެވެ. ބޮޑުވަޒީރުގެ މަޤާމަށް މީޤާތީއާއެކު ވާދަކުރެއްވީ ކުރީގެ ސަފީރެއްކަމަށްވާ ނަވާފު ސަލާމެވެ. އޭނާއަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ. މީޤާތީއަށް ލިބިވަޑައިގަތީ 72 ވޯޓެވެ. ނަމަވެސް 42 މެންބަރުން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވައެވެ. އަދި 3 މެންބަރުން ވޯޓުގައި ބައިވެރިވަޑައިގެންފައެއް ނުވެއެވެ. ޤާނޫނުހަދާ މަޖިލީހުގެ ރުޙުމާއެކު ލުބުނާނުގެ ރައީސް މިޝާލް ޢައޫންވަނީ ސަރުކާރެއް އެކުލާވުލުމުގެ ޒިންމާ މީޤާތީއާ ޙަވާލުކުރައްވައިފައެވެ.

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމަށް މީޤާތީ ޢައްޔަންކޮށްފައިވަނީ އެ މަޤާމުން ސަޢުދުލް ޙަރީރީ އިސްތިޢުފާދެއްވިތާ 11 ދުވަސްފަހުންނެވެ. ޙަރީރީ އިސްތިޢުފާދެއްވާފައިވަނީ އެ ޤައުމުގައި އައު ސަރުކާރެއް އެކުލަވާލެއްވުމަށް ފާއިތުވި 8 މަސްދުވަހު ކުރެއްވި މަަސައްކަތް ނާކާމިޔާބުވުމުންނެވެ.

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމާ މީޤާތީ ޙަވާލުވެވަޑައިގެންފައިވަނީ އެ ޤައުމުގައި ސިޔާސީ ނުތަނަވަސްކަމާއި ފަސާދައާއި ޚިޔާނާތް އިތުރުވެ ޤައުމުގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.