ޚަބަރު

އިސްހާގާއި، ފަހުމީގެ ބަންދަށް 30 ދުވަސް ދީފި


މެއި6 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުންގެ ތެރޭގައި ހިމެނޭ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ ބަންދުގެ މުއްދަތަށް ކޯޓުން 30 ދުވަސް ދީފިއެވެ.

މިދެމީހުންނަކީ މިހަމަލާގައި ފަހުން ހައްޔަރުކުރި 6 މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމް ކަމަށެވެ. މީގެތެރެއިން

މި މައްސަލައިގައި ހައްޔަރުކުރި ފަހުމީ އަލީއާއި މުޙައްމަދު ނާޒިމް އަކީ މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އެކި ދައުރުއަދާކޮށްފައިވާ މީހުންނެވެ. އަދި އަބްދުﷲ އަލިމަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. އެގޮތުން މިހަމާލާ ދިން އަދުހަމް އަހްމަދު ރަޝީދު ފިލުވުމުގަޔާއި ހެކި ނައްތާލުމުގައި އަމަލީ ގޮތުން އަބްދުﷲ އަލިމަނިކު ބައިވެރިވިކަމަށް ތަޙްޤީގަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ ހއ.ހޯރަފުށީ އަލަނާސިގެ މުހައްމަދު ތަސްލީމްކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީންކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން 21 ޖުލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ވ.ތިނަދޫ ހިޔާ، އަދުހަމް އަޙްމަދު ރަޝީދު އާއި، ގއ.ކޮނޑޭ ފޮޅޭމާ، ތަޙްމީން އަޙްމަދުއާއި، މއ.ފޭރުގޭ މުޖާޒް އަޙްމަދު އާއި، ލ.ގަން ދުންފިނިއުފާ އަޙްމަދު ފާތިހްއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމަކީ ބޮންގޮއްވާލި މީހާއެވެ. އަދި އޭނާ ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށްކަމަށް ފުލުހުން ވިދާޅުވެއެވެ.