ޚަބަރު

ދުނިޔޭގައި ކޯވިޑް-19 އެންމެ ބާރަށް ފެތުރޭ ސަރަޙައްދަކަށް ދެކުނުއިރުމަތީ އޭޝިޔާ


ހަލުވިކަމާއެކު ކޯވިޑް-19 ފެތުރި ދުނިޔޭގައި ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ސަރަޙައްދަކަށް ދެކުނުއިރުމަތީ އޭޝިޔާ ވެއްޖެއެވެ. އެ ސަރަޙައްދުގައި އެންމެ ހަލުވިކަމާއެކު ފެތުރެނީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގައި އެންމެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓެވެ. ދެކުނުއިރުމަތީ އޭޝިޔާއަކީ 650 މިލިޔަން މީހުން ދިރިއުޅޭ ސަރަޙައްދެކެވެ.

ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ތައިލޭންޑުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައެވެ. އެ ގޮތުން 66 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިލޭންޑުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 15,376 މީހުންނަށްވަނީ ބަލިޖެހިފައެވެ، އެއީ އެ ޤައުމުގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ބަލިޖެހުނު ވިދިވިދިގެން ދެވަނަ ދުވަހެވެ.

ތައިލޭންޑުގެ ސަރުކާރުންވަނީ އެ ޤައުމުގެ ވެރިރަށް ބެންކޮކުގެ އިތުރުން 12 ޕުރޮވިންސެއް ފުރަބަންދުކޮށް އެ ސަރަހައްދުތަކަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި އެ ސަރަޙައްދުތަކުގައި އިޢުލާންކޮށްފައިވާ ކާފިޔުގެ ވަޤުތުވެސްވަނީ އިތުރުކޮށްފައެވެ. ތައިލޭންޑުގެ މަރުކަޒީ ބެންކުންވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިޞްބަތް 2 އިންސައްތައަށް ވެއްޓިފައިވާކަމަށް ބުނެފައެވެ.

އޭގެ އިތުރުން މެލޭޝިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ މިލިޔަނަކަށްވުރެ އިތުރުވެފައެވެ. މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 17,045 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 1,013,438އަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި އެ ޤައުމުގައި 8،000އެއްހާ މީހުންވަނީ މަރުވެފައެވެ. 32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާއަކީ އާބާދީގެ ނިޞްބަތުން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދީފައިވާ އެއް ޤައުމެވެ. އެ ގޮތުން ޤައުމުގެ އާބާދީގެ 17 އިންސައްތަ މީހުންވަނީ ކޯވިޑް-19 ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައެވެ.

ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ބަލިކަމުކަން ފެތުރެމުންދާ ޤައުމެވެ. އެ ގޮތުން 220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި 3.1 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 83،000 މީހުންވަނީ މަރުވެފައެވެ. ނަމަވެސް އިންޑޮނޭޝިޔާގެ ސަރުކާރުންވަނީ އެ ޤައުމުގައި އިޢުލާންކޮށްފައިވާ ރައްތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެ ގޮތުން ބައެއް ބާޒާރުތަކާއި ރެސްޓޯރެންޓުތައް ހުޅުވުމުގެ ޙުއްދަވަނީ ދީފައެވެ.

ދެކުނުއިރުމަތީ އޭޝިޔާގައި އޮންނަ މިޔަންމާއާއި ވިއެޓުނާމާއި ފިލިޕީންސްގައިވެސް ބަލިމަޑުކަން ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ،