ޚަބަރު

ދިވެހިން މިނިވަންކަމަށް ކުރި ދަތުރު، ކުރެހުންތެރިންގެ ފިހިތަކުން


މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް އެކި މުވައްސަސާތަކުން ތަފާތު އެކި ޙަރަކާތްތައް ވަނީ އިންތިޒާމުކޮށްފައެވެ. އެގޮތުން ދިވެހި އާޓިސްޓުންގެ ފަރާތުން ދުވަހާއި ގުޅިގެން ވަނީ ދިވެހިން މިނިވަންކަމަށް ކުރި ދަތުރު ވަރަށް ތަފާތު ގޮތަކަށް ހުށަހަޅާދީފައެވެ.

ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހާއި ގުޅިގެން ދިވެހި އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ 113 ފޫޓު ދިގު ކުރެހުމެއް މާލޭގެ ބޭރުމަގުގައި ފެންނާނެހެން ކުރަހާފައެވެ. މިކުރެހުމުން ދިވެހިންގެ މިނިވަންކަމަށްޓަކާ އެކި ޒަމާންތަކުގައި ކުރި އެކި ޖިހާދުތަކާއި މިނިވަންކަން ދިފާޢުކުރުމަށް ކުރި މަސައްކަތްތައް ދައްކުވައިދެއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހުޅުވާލި ފުރުސަތުގައި ސްޓެލްކޯގެ ބޮޑުތަކުރުފާނުމަގަށްވާ ގޮތަށް ހުންނަ ބޮޑު ފާރުގައި ކުރެހާފައިވަނީ އާޓިސްޓް ކޮމިއުނިޓީގެ މެމްބަރުންގެ އިތުރުން އަމިއްލައަށް އިސްނަގައިގެން އެހީތެރިކަން ދިން ބައެއް ކުރެހުންތެރިކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ހޯމް މިނިސްޓްރީއިން ވިދާޅުވީ ސްޓެލްކޯ ފާރުން މިހާރު ފެނިގެންދަނީ މިނިވަންކަމަށްޓަކާ ދިވެހިން ކުރި ދަތުރުކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެއަށް އަރާ ގިނަ ބަޔަކަށް ފެންނާނެހެން ކުރަހާފައިވާ މިކުރެހުމާއި ގުޅޭގޮތުން އާޓިސްޓް ކޮމިއުނިޓީގެ ބައެއް ފަންނުވެރިން ވަނީ އެފަރާތްތަކުގެ ޝުޢޫރު ޕީއެސްއެމްއާއި ހިއްސާކޮށްފައެވެ.

ހޯމް މިނިސްޓްރީއިން ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަމަށްޓަކާ ކުރެވުނު މަސައްކަތްތައް އެއްތަނަކުން ޢާއްމުކޮށް ފެންނަން ހުންނާނެހެން ދައްކާލުމަށް ކުރެވުނު މަސައްކަތެއްކަމަށެވެ. އަދި މި ކުރެހުންތަކުގެ ކައިރީގައިވާ "ކިއު އާރް" ކޯޑް މެދުވެރިކޮށް އެކި ތަސްވީރުތަކުން ބުނެދޭ ވާހަކަތަކުގެ ތަފްސީލީ މަޢުލޫމާތު ލިބެން ހުންނާނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކުރި މި ޙަރަކާތުގައި އެސްޓީއޯއާއި އެމްޓީސީސީއާއި އެމްއޭސީއެލްއާއި ފެނަކައާއި ސްޓެލްކޯއިން ފޯރުކޮށްދިން އެހީތެރިކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.