ވިޔަފާރި

ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތަކުގެ އަދަދަށް ބޮޑު ކުރިއެރުމެއް


ރާއްޖެއާއި ދުނިޔޭގެ 39 މަންޒިލަކާއި މިހާރު ގުޅާލެވިފައިވާ ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަދަދަކީ 2019ވަނަ އަހަރާއި އަޅާ ބަލާއިރު 11 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން ކޯވިޑްގެ ހާލަތުގެ ކުރިން، 2019ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރީ 35 މަންޒިލަކުންނެވެ. އަދި ރާއްޖެއާއި 25 ޤައުމަކާއި ދެމެދު ވައިގެ ދަތުރުތައް ދަނީ ކުރަމުންނެވެ. މިއަދަދަކީވެސް 2019ވަނަ އަހަރާއި އަޅާ ބަލާއިރު 32 އިންސައްތަ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ދަތުރުތައް ބާއްވަމުން ދިޔައީ 19 ޤައުމަކާއި ދެމެދުއެވެ.

ރާއްޖެއަށް ދަތުުރުތައް ބާއްވާ މަންޒިލްތައް އިތުރުވެފައިވާއިރު، ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. 2019ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވަމުން ދިޔައީ 34 އެއަރލައިނަކުންނެވެ. އެހެން ނަމަވެސް މިހާރު ރާއްޖެއަށް 36 އެއަރލައިނަކުން ދަތުރުތައް ބާއްވަމުންދާ ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.

ރާއްޖެއަށް ދަތުރުތައް ކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވެފައިވީ ނަމަވެސް ރާއްޖެއަށް އެއަރލައިންތަކުން ދަތުރުތައް ބާއްވާ އަދަދުވަނީ ދަށްވެފައެވެ. އެގޮތުން އެއަރ ޓްރެފިކް މޫވްމަންޓްތަކުގެ އަދަދު ވަނީ 2019ވަނަ އަހަރާއި އަޅާ ބަލާއިރު 23 އިންސައްތަ ދަށްވެފައެވެ.

އަދި ބައިނަލްއަޤްވާމީ ދަތުރުތަކުން ރާއްޖެއަށް އައިސްފައިވާ މީހުންގެ އަދަދުވެސް ވަނީ 46 އިންސައްތަ ދަށްވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެތެރޭގައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގައި ރާއްޖެއަށް 1001735 މީހުން އެތެރެވެފައިވެއެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެތެރޭ މި އަދަދު ހުރީ 545843 ގައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާފައިވަނީ އެއަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ގިނަ ދަތިތަކާއި އެކު ރާއްޖެއިން ދަނީ މިހާލަތުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. މިކަން ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތަކުގެ އަދަދުތަކަށް ބަލާލުމުން ހާމަވެއެވެ.