މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މާދަމާ ގައުމާއި މުޚާތަބުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާތަބު ކުރައްވާނީ މާދަމާ ހެނދުނު ދިހައެއްޖަހާއިރުއެވެ. އެމަނިކުފާނު ޤައުމާ މުޚާތަބު ކުރެއްވުން ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.
ދިވެހި ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ ސައްބީސްވަނަ ދުވަހެވެ. އެއީ މީގެ 56 އަހަރު ކުރިން 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ.