ޚަބަރު

ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ މެޑިކަލް ޤަވާއިދު


ޙުކުމް ތަންފީޒުކުރާ މީހުންނާއި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގައާއި ޞިއްޙީ ފަރުވާއަށް ޖަލުން ބޭރަށް ނެރެންޖެހިއްޖެ ހިނދެއްގައި ކަންކުރަންވީ ގޮތުގެ އުޞޫލް އަންގައިދޭ ޤަވާޢިދަށް ޢަމަލުކުރަން ފަށައިފިއެވެ.މި ޤަވާއިދުގައި ވާގޮތުން ޖަލުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ތެރެއިން މީހަކު ބަލިވުމުން، ޑޮކްޓަރުން ތިބި ޖަލެއްގައިނަމަ ފުރަތަމަ އެމީހަކަށް ފަރުވާދޭނީ އެ ޖަލެއްގައި ޤާއިމްކުރައްވާފައިވާ ހެލްތު ސެންޓަރެއް ނުވަތަ ހޮސްޕިޓަލަކުންނެވެ. އަދި އިތުރަށް ފަރުވާދިނުމަށް ޖަލުގެ ޑޮކްޓަރ ނިންމަވައިފިނަ ފަރުވާ ދިނުމަށް ހަމަޖައްސާނީ ރާއްޖޭގައި ޤާއިމުކުރެވިފައިވާ ސަރުކާރުގެ ހޮސްޕިޓަލަކުން ކަމަށްވެސް ޤަވާޢިދުގައިވެއެވެ. މީގެ އިތުރުން ޖަލުގައި މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ ވަގުތުން އެމީހަކު ޖަލުގެ މެޑިކަލް އޮފިސަރަށް ދައްކައި ފަރުވާދީ، މެޑިކަލް ސެންޓަރުން ލިބެން ނެތް އިތުރު ފަރުވާއެއް ދޭންޖެހޭނަމަ އެ ފަރުވާއެއް ލިބެންހުރި ތަނަކަށް ގެންގޮސް ފަރުވާދޭންޖެހެއެވެ.ޖަލުގައި މީހަކު މަރުވެއްޖެނަމަ ވަގުތުން މެޑިކަލް އޮފިސަރުންނަށް ދައްކައި މެޑިކަލް އެގްޒަމިނޭޝަން ހެދުމާއެކު މަރުގެ ތަޙްޤީގްކުރުމަށް ޙަވާލުކުރަންޖެހެއެވެ. މި ޤަވާޢިދުގައިވާ ގޮތުން މީހަކު މަރުވީ ޖަލުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައިވާނަމަ އެކަން ހިނގި ވަގުތުން ފެށިގެން ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ދައުލަތުގެ މިނިވަން މުވައްސަސާއަކަށް އެކަން ހިނގިގޮތުގެ މަޢުލޫމާތު ދެއްވައި އެކަން ބެއްލެވުމަށް ދައުވަތު ދެއްވަންވެސް ޖެހެއެވެ.