ޚަބަރު

ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގަށް ގިނަ ބައެއްގެ ތައުރީފް!


މެއި ހައެއްގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ތަހުގީގުކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޚާއްސަ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މީގެކުރިން ނޭނގޭ ކިތަންމެ މައުލޫމާތެއްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި ހައެއްގެ ޓެރެރިސްޓް ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ބުރަ، ކާމިޔާބު އެއް ތަހުގީގު ކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކަކާއިއެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ ގިނަ ފުލުހުންތަކެއްގެ ބައިވެރިވުމާއިއެކު އެ ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތްތައް ބަލައިގަންނަކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

6 މޭގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުޤީޤަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވެސް ވަނީ ތަޢުރީފްކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ތަހުޤީޤަށް ތައުރީފްކުރައްވަމުން އަސްލަމް ވިދާޅުވީ ފުލުހުންގެ ތަހުޤީޤް ނިމޭއިރު، ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ފުލުހުންގެ މަސައްކަތަށް ގިނަ ބަޔަކު ތައުރީފްކުރަމުންދާއިރު، ބައެއް ފަރާތްތަކުން ބުނާގޮތުން ފުލުހުންގެ ތަހުޤީޤުން ހާމަވެެގެންދަނީ ސަރުކާރުން އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނެންގެވިކަންކަމަށެވެ. އަދި އަނިޔާވެރި ހަރުކަށި ފިކުރު ނައްތާލަންޖެހޭކަމަށާއި އެކަން ކުރަންވާނީ ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ބައިވެރިވުމާއެކުކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

6 މޭގެ ހަމަލާއާ ގުޅިގެން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި 5600 ގަޑިއިރުގެ ސީސީޓީވީ ފްޓޭޖު ހޯދައި، ދިރާސާކުރުން ހިމެނެއެވެ. އޭގެތެރެއިގާ އަމިއްލަ މީސްމީހުންގެ 109 ތަނެއްގެ ސީސީޓީވީ ފްޓޭޖްގެ އިތުރުން މާލެ އާއި ހުޅުމާލެ ހިމެނޭހެން 190 ސަރަހައްދެއްގައި ހަރުކޮށްފައިވާ 372 ޕޮލިސް ސީސީޓީވީ ފްޓޭޖްވެސް ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ. އަދި މި މައްސަލައިގައި މިހާތަނަށް 640 ވުރެ ގިނަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާ 228 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި 830 އަށްވުރެ ގިނަ މާއްދީ ހެކި ވަނީ ހޯދާފައެވެ. މި ހުރިހާ މަސައްކަތަކާއެކު ހަމަލާގެ އެންމެ އަޑިއަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް ފުލުހުން ވަނީ ދެއްވާފައެވެ.