ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވާހަރަކޮށްލުމަށް ގޮއްވާލި ބޮން ސައިކަލުގައި ހަރުކޮށް އެކަމުގެ ތައްޔާރީތައްވެފައިވަނީ ހުޅުމާލެ ފްލެޓެއްގެ ބޭރުގައިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ހުޅުމާލެގައި މީހުން ދިރިއުޅޭ ފްލެޓް ނަންބަރު 106 ކައިރީގައި އެކަމުގެ ތައްޔާރިތައް ކުރިއަށް ގެންގޮސްފައިވަނީ އެތައް ބަޔެއްގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށްލައިގެންކަމަށް ފުލުހުން ހާމަކުރައްވައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ސައިކަލުގައި އައިއީޑީ ހަރުކުރީ ހުޅުމާލޭ 106 ނަމްބަރު ފްލެޓްގެ ތިރީގައި ސައިކަލް ބަހައްޓައިގެން މޭ މަހުގެ 3 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ކަމަށެވެ. އޭސީޕީ ރިޔާޒު ވިދާޅުވީ އެ ސަރަޙައްދަކީ އާއްމުކޮށް ކުޑަކުދިންނާއި އެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ މީހުން ނުކުމެ، ތިބޭ ސަރަހައްދެއްކަން ފާހަގަކުރައްވާފައެވެ.
ރިޔާޒް ވިދާޅުވީ ޓެރަރިސްޓުން އެ ސަރަހައްދުގައި އެކުރި ކަމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ހާލަތެއްގައި ވަރަށް ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއްކަމަށެވެ. އަދި އެކަމަކީ އޭގެ ސަބަބުން އަދި އެސަރަހައްދުގައި އުޅޭ މީހުންގެ މުދަލަށްވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިގެން ގޮސްދާނެ ކަމެއްކަން ރިޔާޒު ފާހަގަކުރެއްވިއެވެ.
އެ ބޮން ހަރުކުރަން އެ ފްލެޓްގެ ކައިރިއަށް ސައިކަލް ގެންދިޔައީ ސައިކަލްގެ ވެރި ފަރާތްކަމުގައިވާ ތަހުމީން އަހުމަދު ކަމަށާއި ބޮން ހިފައިގެން އެ ސަރަހައްދަށް އައީ އަލީ ހައިޝަމްކަމަށްވެސް ރިޔާޒް ވިދާލުވިއެވެ. އަދި ސައިކަލްގައި ބޮން ހަރުކުރިއިރު އެ ހަމަލާގައި ބައިވެރިވާ އެހެން އެންމެން އެ ސަރަހައްދު ވަށައިގެން ތިބިކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"މަޖީދީމަގުގައި ބަހައްޓާފައި ހުރި ސައިކަލްގައި އިން އައިއީޑީ ގޮއްވާލިއިރު އޭގެ އަސަރުކުރާ ހިސާބުގައި 17 މީހުން ތިބި. ބުރައިގެން ދިޔަ ރޭޒާފުށްތަކުން ޖެހި ނަޝީދާއި ބޮޑީގާޑުގެ އިތުރުން ބައެއް އާއްމުން ވަނީ ވަރަށް ބޮޑަށް ޒަހަމުވެފަ. މިބޮމުގެ ހަމަލާގެ ސަބަބުން އިތުރު އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް އުފަންވުމުގެ ފުރުސަތު އޮތް." އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވިއެވެ.
ބައެއްގެ ފުރާނައަށްވެސް ގެއްލުންވެދާނެ މިފަދަ ބޮޑު ހަމަލާއެއް ހިންގުމުން ދޭހަކޮށްދެނީ އެ ހަމަލާދިން މީހުންނަކީ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި އެ މީހުންގެ މަގުސަދު ހާސިލް ކުރުމަށްޓަކައި ކިތަންމެ ނުރައްކާތެރި ކަމެއް ވެސް ކޮށްފާނެ ބައެއްކަންކަމަށް ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މަޢުލޫމާތު ލިބިފައިވާގޮތުން ހަރުކަށި ފިކުރުގެ ގަބޫލުކުރުންތަކުގައި ސިކުނޑި ދޮވެވިފައި ހުރިކަމަށް އާއިލާއިންވެސް ބުނެފައިވާ އަދުހަމް ވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފްވެ، އެ ހަމަލާއާ ގުޅޭގޮތުން އޭނާއަށް އެނގި ހުރި ގިނަ މައުލޫމާތުތައް ތަހުގީގަށް ދީފައެވެ. އެގޮތުން ނަޝީދު އަވަހާރަކޮށްލުމުގެ މަސައްކަތް އަދުހަމްއާ ހަވާލުކުރީ އޭނާ ނިސްބަތްވާ ސެލްގެ އިސް މީހެއްގެ ގޮތުން ހަރަކާތްތެރިވާ އިސްހާގުކަމަށް ބުނެ އަދުހަމް ފުލުހުންނަށް ބަޔާން ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ ތަހުގީގަށް ދީފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ ޓާސްކް އިސްހާގު ހަވާލުކުރުމުން އަދުހަމް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިސްހާގު އޭނާގެ ސުވާލުތައް ހުއްޓުވައި, ހަވާލުކުރި މަސައްކަތް ކުރިއަށް ގެންދަން އެންގިކަމަށް އެނގިފައިވެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފައެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް ރަޝީދު އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު އާއި އަހުމަދު ފާތިހުއެވެ.