ޚަބަރު

ގްރޭޓަރ މާލޭ އިންޓަރ-ކަނެކްޝަން މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލާއިފި


މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ޙަކަތައިގެ އެންމެ ބިޔަ މަޝްރޫޢު، ގްރޭޓަރ މާލޭ އިންޓަރ ކަނެކްޝަންގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކުރިއަށް އޮތް އެއްމަސްތެރޭ މިކަނެކްޝަންއިން ޙަކަތަ ފޯރުކޮށްދޭ މިންވަރު ބަލާ ވަޒަންކުރަމުންދާނެ ކަމަށެވެ.

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ޙަކަތައިގެ އެންމެ ބިޔަ މަޝްރޫޢު، ގްރޭޓަރ މާލޭ އިންޓަރ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން މިހާރުވަނީ ގުޅާލާފައެވެ. އިންޓަރ ކަނެކްޝަން މަޝްރޫޢުގެ ދަށުން އެންމެ ފަހުގެ ޓެސްޓުތައް ހޮނިހިރު ދުވަހު ކުރިއަށްގެންގޮސްފައިވާއިރު މިމަސައްކަތް ކުރި ވަގުތު އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން ވިދާޅުވީ ހޮނިހިރު ދުވަހު މިމަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މިކަނެކްޝަންއިން މާލެއާއި ހުޅުމާލެ އަދި ހުޅުލޭގައި ޙަކަތަ ފޯރުކޮށްދޭ ގޮތާއި މިންވަރު ބަލާ މޮނީޓަރ ކުރަމުންދާނެކަމަށެވެ.

ސްޓެލްކޯއިން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު މާލޭގައި ހުރި ކުދި އިންޖީނުތައް ނިވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ސްޓެލްކޯގެ ގާކޮށީގައި ހިމެނޭ އިންޖީނުތައް ނިއްވާލުމަށްޓަކާ ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެކުންފުނިން ވިދާޅުވީ ހަކަތަ އުފެއްދުމަށް މާލޭގައި ބޭނުންކުރަމުން އަންނަ އިންޖީނުތައް ބޭނުން ކުރުން ހުއްޓާލުމަށް ހުޅުމާލޭގައި ހަކަތަ އުފެއްދުމަށް އިތުރު އިންޖީނުގެއެއް އެޅުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ.

އިންޓަރ ކަނެކްޝަންގެ ސަބަބުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެގޮތުން މިއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ، ކަރަންޓު ކެނޑޭ ޙާލަތުގައި އަނެއް ސަރަޙައްދުގައި ބެހެއްޓިފައިވާ ގްރިޑުން ކަރަންޓު ވަގުތު ފޯރުކޮށްދޭނެއެވެ. އެހެންކަމުން ކަރަންޓު ކެނޑިގެން ގިނަވަގުތު ހޭދަވުމާއި ޢާއްމުކޮށް މިފަދަ ކަންކަން ދިމާވުން މަދުކުރެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 މެގަވޮޓްގެ 4 ޓްރާންސްފޯމަރު އަދި ހުޅުލޭގައި ވަނީ 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ބަހައްޓާފައެވެ. މިމަޝްރޫޢުގެ ކަނެކްޝަން ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖް ދަށުންނެވެ. 3 ސަރަޙައްދުގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ޖުމްލަ 6 ކޭބަލް މެދުވެރިކޮށް އަޅާފައިވާ މިއިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ހަކަތަ ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.