ޚަބަރު

ބޮމުގެ ހަމަލާއާއި މިނިސްޓަރ މާރިއާއަށް ލިބުނު މައުލޫމާތާއި ގުޅުމެއް ނެތް: ޕޮލިސް


ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދޭން އުޅޭކަމަށް ބުނެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާ ލިބިފައިވާ މަޢުލޫމާތާއި 6 މޭގެ ބޮމުގެ ހަމަލާއާ ގުޅުމެއް ނެތްކަމަށް ފުލުހުން ވިދާލުވެއްޖެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޑިފެންސް މިނސްޓަރަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. އެގޮތުން އެކަމާއި ގުޅިގެން ސުވާލުކުރަންޖެހޭ ބައެއް ފަރާތްތަކާއި ސުވާލުކޮށްފައިވާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މިކަމާއި ގުޅޭ ބައެއް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރައީސް ނަޝީދުގެ އަރިހުންވެސް މަޢުލޫމާތު ސާފުކުރަންޖެހޭ ކަމަށާއި ނަމަވެސް މިހާތަނަށް ރައީސް ނަޝީދުގެ ބަހެއް ލިބިފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ. އެހެންކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދޭން އުޅޭކަމަށް ބުނެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާ ލިބިފައިވާ މަޢުލޫމާތާއި 6 މޭގެ ބޮމުގެ ހަމަލާއާ ސީދާ ގޮތުން ގުޅުމެއް އޮތްކަމަށް ބެލެވޭ ހެއްކެތް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައިގައި އެމަނިކުފާނު މާލޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރު މުޢަމާލަތް ކުރެވުނު. ނަމވެސް އެވަގުތު ހާލުކޮޅު ހުންނެވި ގޮތުން އެކަމަށް އިޢުތިރާޒްވި. އޭގެ ފަހުން ދަޢުވާކުރުމަށް ތައްޔާރުވަމުން އައިރު އަނެއްކާވެސް ބަހެއް ހޯދުމަށް އެދުނު. ބޭރުގައި ހުންނަވއިގެންވެސް ސިޓީއަކުންވެސް ބަހެއް ހޯދުމަށް އެދިފައިވާނެ." އެސިސްޓަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، ބޮން ގޮއްވާލި މީހުންނަށް އެމަނިކުފާނު ދާނެ ތަންތަނާއި، އުޅޭނެ ގޮތުގެ މައުލޫމާތު އެނގިފައިނުވާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ ނަޝީދަށް ހަމަލާދިނީ ފާރަލައިގެން ކަމަށާއި އެމަނިކުފާނުގެ މޫވްމަންޓު ސަލާމަތީ އެއްވެސް މުއައްސަސާއަކުން ލީކުވެފައި ނުވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލަމެންޓަރީ އިންކުއަރީގައި ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބުނު މައުލޫމާތުގެ ވާހަކަ ހިމަނާފައިވެއެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގަތުމުން އިލްޔާސް އަމަލުކުރެއްވި ގޮތާއި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އާއި ހިއްސާކުރި ވާހަކަވެސް ރިޕޯޓްގައި އޮވެއެވެ.

އިންކުއަރީ ރިޕޯޓުން އެނގޭ ގޮތުގައި މެންބަރު އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތެއް ހިއްސާކުރެއްވުމަށް މިނިސްޓަރ މާރިޔާއަށް ގުޅުއްވާފައިވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަދި ރައީސް ނަޝީދަށް އިލްޔާސް އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ މެއި ތިންވަނަ ދުވަހު ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހުގައެވެ.