ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ ހއ.ހޯރަފުށީ އަލަނާސިގެ މުހައްމަދު ތަސްލީމްކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީންކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަށް ރައީސް ނަޝީދަކީ އަވަހާރަކޮށްލަންޖެހޭ މީހެއް ކަމަށް ވިސްނައިދީ އިރުޝާދުދިން ހަމަލާގެ އެންމެ އިސްފަރާތް ކަމަށްވާ ހއ.ހޯރަފުށީ އަލަނާސިގެ މުހައްމަދު ތަސްލީމް އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާކަމަށެވެ. ތަސްލީމަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އެތިކް އިންޓަރނޭޝަލް ޕްރައިވެޓް ލިމިޓެޑްގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ މީހެއްކަމަށާއި އެ މައްސަލަ ތަހްޤީގުކޮށް ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އޭނާ ދޫކޮށްލި މައްސަލައިގައި އިސްތިއުނާފް ކުރިނަމަވެސް 6 މެއި ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އަލުން އޭނާ ހައްޔަރުކުރުމާ ގުޅިގެން އިސްތިއުނާފް ނުނިމި 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވާތީ އެ މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިމައްސަލައިގައި ބައިވެރިވާ މީހުން ޤަބޫލުކުރާ ކުރުންތަކުގެ މައްޗަށް ރައީސް ނަޝީދު އަވަހަރާކޮށްލަންޖެހޭ ކަމަށް ނިންމާ އެކަމުގެ ރޭވުންތަކާއި ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ފަށާފައިވާ ކަމަށާއި، 6 މެއިގެ ހަމަލާ ދިނުމަށް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީގޮތުން މި މީހުން މަސައްކަތް ފަށާފައިވާ ކަމަށް ތަޙްޤީގަށް ހޯދިފައިވާ ކަމަށެވެ. އަދި ތަޙްޤީގަށް މިހާތަނަށް ހޯދިފައިވާގޮތުން މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން މިގޮތަށް ރޭވި މިފަދަ ތިންވަނަ ހަމަލާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
"މިހާތަނަށް މި މައްސަލާ ގުޅިގެން 840 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް ބަޔާން ވަނީ ނަގާފަ. 228 މީހުންނާ އިންޓަރވިއުކޮށް އެމީހުންގެ ބަޔާންތައް ނަގާފައިވޭ. އަދި އަމިއްލަ މީސްމީހުންގެ 109 ސީސީޓީވީ ފުޓޭޖް ނަގާފައިވޭ. އެއީ 5716 ގަޑިއިރުގެ ފޫޓޭޖް. މާލެއާއި ހުޅުމާލެ ހިމެނޭހެން 192 ޕޮލިސް ސަރވިސްގެ ސީސީޓީވީގެ ފުޓޭޖް ބަލާފައިވޭ. އެއީ 60072 ގަޑިއިރުގެ ފުޓޭޖް. ސީސީޓީވީ ފުޓޭޖް އެނަލައިޒްކޮށް މައްސަލައާ ގުޅުން ހުރި އެވިޑެންސް ފުޓޭޖް ހިމެނޭ ވަކިވަކި ކެމެރާ ތަކުގެ އަދަދު 206 އަށްއަރާ. ތަޙްޤީގަށް ހޯދާފައިވާ ކެމެރާތަކުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ހަރަކާތްތައް ދައްކުވައިދޭ 1829 ވީޑިއޯ ކްލިޕް ހޯދިފައިވޭ. ބަލާ ފާސްކުރުމަށްޓަކަށް 103 ތަނެއް ބަލާ ފާސްކޮށްފައިވޭ. މީގެ ތެރޭގައި ތަންތަނާއި އުޅަނދުތަކާއި، މީހުންވެސް ހިމެނޭ. ހާދިސާ ހިނގި ތަން 9 ގަޑިއިރު ބަލާފައިވޭ. 830 އަށްވުރެ މާއްދީ ހެކި ނަގާފައިވޭ. 220 އަށްވުރެ ގިނައިރު ސްކްރީން މަސައްކަތުގައި ހަރަކާތްތެރިވި. " ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން 21 ޖުލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ވ.ތިނަދޫ ހިޔާ، އަދުހަމް އަޙްމަދު ރަޝީދު އާއި، ގއ.ކޮނޑޭ ފޮޅޭމާ، ތަޙްމީން އަޙްމަދުއާއި، މއ.ފޭރުގޭ މުޖާޒް އަޙްމަދު އާއި، ލ.ގަން ދުންފިނިއުފާ އަޙްމަދު ފާތިހްއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމަކީ ބޮންގޮއްވާލި މީހާއެވެ. އަދި އޭނާ ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށްކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައިގައި ހައްޔާރުކޮށްފައިވާ ތަޙްމީން އަޙްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލުގެ ވެރިފަރާތުގެ އިތުރުން މީނާއަކީ ބޮންހަރުކުރުމާއި މި ހަމަލާ ދިން ސެލްގެވެސް އިސް މީހެކެވެ. އަދި މުޖާޒް އަޙްމަދަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލައިގެން ދިއުމާއި އަންނައުނު ބަދަލުކޮށް މާލޭގައި އެރޭ ފިލައި ހުރުމަށް މަގުފަހިކޮށްދީފައިވާ މީހާ ކަމަށް ފުލުހުން ހާމަކުރައްވައެވެ. މީގެ އިތުރުން އަހްމަދު ފާތިޙްއަކީ އަދުހަމް އަޙްމަދު ރަޝީދު ފިލަން އެހީތެރިވުމަށް މުޖާޒް ގާތަށް އޭނާ އެވަގުތު ގެންގޮސްދިން މީހާއެވެ.