ޚަބަރު

ރައީސް ނަޝީދަށް ހަމަލާދިނުމަށް ބަޔަކު ފަންޑުކުރިކަމުގެ ހެއްކެއް މިހާތަނަށް ނުލިބޭ: ފުލުހުން


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަކީ ބަޔަކު އެކަމަށް އިނާމެއް ކަނޑައަޅައިގެން، ފަންޑުކޮށްގެން ދީފައިވާ ހަމަލާއެއްކަމަށް ތަޙްޤީގަށް މިހާތަނަށް ފާހަގަވެފައިނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކަށް ބަލާއިރު ފަންޑުކުރުމަށް ދެގޮތަކަށް އަމަލުކުރާ ކަމަށެވެ. އެގޮތުން އެއްގޮތަކީ ހަމަލާއަށް އެހީތެރިވުމުގެ ގޮތުން ކުރާ ޚަރަދާއި ހަމަލާ ދިނުމަށް އެހެން ފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާދިނުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮއްވައިލި ސައިކަލަކީ 2019 ވަނަ އަހަރު 18000 ރުފިޔާއަށް ގަތް ސައިކަލެއްކަމަށެވެ. އަދި ހަމަލާއަށް ތައްޔާރުކުރުމުގެ ގޮތުން އެ ސައިކަލު ހުޅުމާލެ ގަރާޖަކުން ސަރވިސްކޮށްފައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ. އޭސީޕީ ރިޔާޒު ވިދާޅުވީ އެރޭ ގޮއްވާލި ބޮން ހެދުމަށް ވަކި އެޕާޓްމަންޓެއް ކުއްޔަށް ހިފާފައި ކުރި ކަމަށާއި އެކަމަށް ފައިސާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ހަމަލާއާއި ގުޅިގެން މިހާތަނަށް 317 އަށްވުރެ ގިނަ ބެންކް ސްޓޭޓްމެންޓްތަކާއި އަދި މިފަރާތްތަކާ ގުޅުންހުރި އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ގާތް މީހުންގެ ބެންކް ސްޓޭޓްމެންޓްތައް ވެސް ހަމަލާއާއި އެއްވެސް ގޮތަކަށް ގުޅުން އޮތްތޯ ބެލުމަށް ދިރާސާކޮށްފައިވާނޭކަމަށެވެ.

"މިހާތަނަށް ބެލިބެލުން މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ފައިސާ ދީގެން ކުރުވި ކަމެއްކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށްނެތް. އެހެންނަމަވެސް މިހަމަލާގެ މޯޓިވްއަކީ ނަފްރަތާ އަދާވާތްތެރިކަމާ ދީނީ ފިކުރުގެ ތަފާތުގައި އޮތް ރުޅިވެރިކަމުގައި އަމިއްލަ ގޮތުން ހަމަލާ ދިން މީހުން އެމީހުން އަމިއްލަ މަގުސަދެއް ހާސިލުކުރުމަށްޓަކައި ދީފަހުރި ކަމުގެ ހަރުދަނާ ސަބަބުތަކެއް ފެންނަން އޮތް ކަމަށް ފާހަގަކުރެވޭ."އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެމްއެމްއޭގެ އެފްއައިޔޫ މެދުވެރިކޮށް ފާއިތުވި ދުވަސްތަކުގައި މިފަދަ ޓެރަރިސްޓު ހަމަލާއަކަށް ފަންޑުކުރުމުގެ އެއްވެސް މުއާމަލާތެއް ކޮށްފައިވޭތޯ ބެލުމަށްވެސް ދިރާސާއެއް ހަދާފައިވާކަމަށެވެ. ރިޔާޒް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނީ ރައީސް ނަޝީދަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަކޮށްގެންކަމަށެވެ.

"މި މީހުންނަކީ ރަސްމީ ތަޢޫލީމެއް ނެތް ބައެއް. ރަސްމީ ތަޢުލީމެއް ނެތުމުގެ ސަބަބުން ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް އެމީހުންނަށ ފެންނަ ގޮތަކަށް މާނަކޮށް، އިސްލާމީ ފިޤްހީ އާއިދާތައް މުޅިން އެހން މާނައެއްގައި މީހުންނަށް ވިސްނައިދިނުމަށް މަސައްކަތްކުރެ. އަދި އެގޮތަށް ތަބާވާ މީހުންގެ ފޮޓޯއާއި، ފޮތްތަކާއި ވީޑިއޯ ބަހަމުން ގެންދޭ. ރަސްމީ ތަޢުލީމްގެ ތެރެއިން އިލްމުވެރިންގެ ބަސްނޭހުމަށާއި އެމީހުންނާ މުޢާމަލާތް ނުކުރުމަށް ބާރުއަޅަމުންދޭ. އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާދިން މީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި ދިވެހި ބިމާ ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ޤަބޫލުކުރާ ބައެއްކަމަށް ތަޙްޤީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ދިވެހި ދަޢުލަތުގެ ފައިސާ އަކީ ހަރާމްއެއްޗެއްކަން އެމީހުން ދެކުނުނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ ސަރުކާރުގެ އިންކަމް އެލެވެންސާއި އެންސްޕާގެ އެހީވެސް ހޯދަމުން އަންނަ ބައެއްކަންކަން ފުލުހުން ހާމަކުރައްވައެވެ. އަދި އެމީހުންގެ ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކުން ފެނުނު ތަކެތިން އެމީޙުން ދައްކާ ދީނުގެ ވާހަކަތަކާއި އެމީހުންގެ އަމަލުތައް ދިމާނުވާކަން ފާހަގަވާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ސަމާލުވުމަށް ރިޔާޒް އިލްތިމާސްކުރެއްވިއެވެ.