މުނިފޫހިފިލުވުން

ސަލްމާންޚާންގެ އަމިއްލަ ބްރޭންޑްގެ ދަށުން ސެންޓް ބާޒާރަށް


މިދިޔަ އަހަރު ޢީދަށް އަލަށް ތަޢާރަފް ކުރި ސުޕަރސްޓާރ ސަލްމާން ޚާންގެ އަމިއްލަ ބްރޭންޑް "ފްރެޝް" ގެ ދަށުން ބާޒާރަށް ސެންޓް ނެރެފިއެވެ. މި ބްރޭންޑްގެ ދަށުން ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ފުރަތަމަ ބާޒާރަށް ނެރުނީ ސެނިޓައިޒަރ އެވެ. އެއަށްފަހު މިހާރު މިވަނީ އެ ބްރޭންޑްގެ ދަށުން ސެންޓްވެސް ނެރެފައެވެ.

ފިރިހެނުންނަށް ޚާއްޞަކޮށްގެން ނެރުނު މި ސެންޓް ކަލެކްޝަންގައި ހިމެނެނީ ހަތަރު ވަހެކެވެ. އެއީ "ޕާޓީ" ،"ޑޭޓް" ، "ރޫލް" އަދި "ވޯކްއައުޓް" އެވެ.

ކަލެކްޝަންއާއި ބެހޭގޮތުން ސަލްމާން ބުނީ މިއީ ދުވަހުގެ ހުރިހާ ވަގުތެއްގައި ހަށިގަނޑު ތާޒާކަންމަތީ ހުންނަ ކަހަލަ ސެންޓުތަކެއް ކަމަށެވެ. އަދި މި ސެންޓު ބޭނުންކުރުމުން ހިތްގައިމު މީރު ވަހެއް ހަށިގަނޑުގައި ހުންނާނެކަމަށްވެސް ސަލްމާން ބުނެއެވެ.

މި ސެންޓް ކަލެކްޝަން ޕްރޮމޯޓްކުރަން ސަލްމާން ވަނީ އިޝްތިހާރުތަކެއް ކުޅެ ސޯޝަލްމީޑިއާގައި ޢާންމުވެސް ކޮށްފައެވެ.

ސަލްމާންގެ ބްރޭންޑް "ބީންގް ހިއުމަން" ގެ ދަށުންވެސް އުފެއްދުންތަކެއްވަނީ ބާޒާރަށް ނެރެފައެވެ. ހެދުމާއި ބައިސްކަލާއި ކަސްރަތުކުރާ ސާމާނަކީ މީގެތެރޭގައި ހިމެނޭ ބައެއް އުފެއްދުންތަކެވެ.

ސަލްމާން އެންމެފަހުން ފެނިގެން ގޮސްފައިވަނީ ޒީ ފައިވް އިން ރިލީޒްކުރި "ރާދޭ؛ޔުއަރ މޯސްޓް ވޯންޓެޑް" އިންނެވެ. ދެން އެންމެ އަވަހަށް ސަލްމާން ފެނިގެންދާނީ އަޔުޝް ޝަރުމާއާއިއެކު ފިލްމު "އަންތިމް" އިންނެވެ. މީގެއިތުރުން "ޓައިގަރ 3" ގެ ޝޫޓިންތައް މިހާރު ކުރިއަރަށްދާއިރު ޕޫޖާ ހެގް އާއިއެކު ސަލްމާން ފެންނަ ފިލްމު "ބައިޖާން" އަކީވެސް ސަލްމާންގެ ކުރިއަށްއޮތް ފިލްމެކެވެ.