ދީން

ހުރިހާ މިސްކިތެއް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް

ދީނީ އެއްބައިވަންތަކަމުގެ ޤާނޫނަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކާއި އިމާމުން އިސްލާމިކް އެފެއަރޒް މިނިސްޓްރީގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.އިސްލާމިކް އެފެއަރޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް އިބްރާހިމް އަޙްމަދު ވިދާޅުވީ މި ގެނެވުނު ބަދަލާއި ގުޅިގެން 750 މިސްކިތެއްގައި މަސައްކަތްކުރާ 1100 އަށްވުރެ ގިނަ މުވައްޒަފުން އެ މިނިސްޓްރީގެ ބެލުމުގެ ދަށައް ގެނެވިފައިވާކަމަށެވެ. އަދި މި ބަދަލުގެނެސްފައިމިވަނީ 198 އަށް ރަށުކައުންސިލާއި ސިވިލްސަރވިސް ކޮމިޝަންގެ އިތުރުން އެލްޖީއޭއާއި ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރުމަށްފަހުގައިކަަމަށާއި، ކައުންސިލްތަކުގެ މުވައްޒަފުންގެ ގޮތުގައި ތިބި އިމާމުންނާއި މިސްކިތްތަކުގެ މަސައްކަތު މީހުން ދެން ތިބޭނީ އެމިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައިކަމަށެވެ.އިސްލާމިކް އެފެއަރޒް މިނިސްޓްރީން ބުނީ މިސްކިތްތައް އެ މިނިސްޓްރީގެ ބެލުމުގެދަށަށް ގެނެވުމުން އިދާރީގޮތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. ކުރިން މިސްކިތްތައް ބަލަހައްޓަމުން އައިސްފައިވަނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. އިސްލާމިކް އެފެއަރޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް އިބްރާހިމް އަޙްމަދު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް ދެން ކުރަމުން އަންނާނީ އެ މިނިސްޓްރީންކަމަށެވެ. އަދި އިސްލާމިކް ޔުނިވަރސިޓީއާއި މަދީނާގެ ޔުނިވަރސިޓީއާއި ގުޅިގެން އިމާމުން ތަމްރީންކުރުމަށް ކުރު މުއްދަތުގެ ކޯސްތައް ހިންގުމަށް މަޝްވަރާކުރަމުން އަންނަކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.