ޚަބަރު

ގެއްލިގެން އުޅުނު މިސްބާހު ރާއްޖެ އަތުވެއްޖެ


އާއިލާއަށް ވީނުވީ ތަނެއް ނޭނގިގެން ގެއްލިގެން އުޅުނު މިސްބާހު މުހައްމަދު ރާއްޖެ އަތުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ މިދިޔަ މޭމަހުގެ 14 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން އުޅުނު މިސްބާހު މިއަދު ރާއްޖެ އައިސްފައިވާކަމަށެވެ. އަދި އޭނާ މާލެ އައުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެއެވެ. އަދި އޭނާ ޕާކިސްތާނަށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިސްބާހް ގެއްލުމާއި ގުޅޭގޮތުން ފުލުހުން މީގެކުރިން ވިދާޅުވެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު މިސްބާހުއާއި ޑްރަގް ނެޓްވޯކެއްގެ ބޮޑެއް ދުބާއީއަށް ދިޔަކަމަށެވެ. އަދި މިސްބާހުއާއެކު ދުބާއީއަށް ދިޔަ މީހާ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައިއިރު، މިސްބާހު ޖެހިގެން އައި ދުވަހު ފުރީ ޕާކިސްތާނަށްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ޕާކިސްތާނަށް ދިޔައީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކެއްގެ މަސްތުވާތަކެތީގެ ޝިޕްމަންޓެއްގެ އަގު އަދާކުރަންދެން، ގެރެންޓާއެއްގެ ގޮތުގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އޭގެފަހުން މިސްބާހު ވަނީ އޭނާ ހުރީ ރަހީނުކޮށްފައި ނޫންކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.