ޚަބަރު

ބާރުގަދަ މަޤާމުތައް ރާއްޖެއިން ހާސިލްކުރަނީ ރައީސްގެ ހަރުދަނާ ސިޔާސަތު ބަލައިގަންނާތީ: ޖީހާން


ދުނިޔޭގެ އެންމެ ބާރުގަދަ މަޤާމުތައް ރާއްޖެއިން ހާސިލްކުރަމުންދަނީ ރައީސްލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ހަރުދަނާ ސިޔާސަތު ދުނިޔެއިން ޤަބޫލު ކުރާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ވެރިކަމަށްފަހު ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތް ހިސާބާއި، މިއަދު ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަނެފައިވާ މިންވަރާއި ގުޅޭގޮތުން ޕީއެސްއެމްގެ "ބާބު-3" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖެއަކީ ދުނިޔެއާއި އެކަހެރި، ދުނިޔޭގެ ގައުމުތަކާއި ބީރައްޓިހި ޤައުމެއްކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ބޭރުގެ ޤައުމުތަކާއި ގުޅުން ބަދަހިކޮށް، ގެންގުޅުންވި ހަރުދަނާ ޚަރިޖީ ސިޔާސަތުގެ ސަބަބުން މިއަދު ރާއްޖެ އޮތް ހިސާބު ދުނިޔޭގެ ބާރު ގަދަ ބައެއް މަޤާމުތަކަށް ބަލައިލުމުން ފެންނަމުންދާކަމަށް ޖީހާން ވިދާޅުވިއެވެ. އެގޮތުން އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ދުނިޔޭގެ 140 ޤައުމުގެ ބޮޑު ޢައުލަބިއްޔަތާއިއެކު ރާއްޖޭގެ ޚާރިޖީ ވަޒީރު އިންތިޚާބު ވެފައިވަނީ ރައީސް ޞާލިހުގެ ހަރުދަނާ ސިޔާސަތު މުޅި ދުނިޔެއިން ޤަބޫލުކުރާތީ ކަމުގައި ޖީހާން ވިދާޅުވިއެވެ.

"މިހިސާބަށް އަޅުގަނޑުމެންނަށް މިއާދެވުނީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތްތެރި ޚާރިޖީ ސިޔާސަތާއި، އަދި ސިޔާސަތުގެ މިނެތް މަސައްކަތާއިއެކު، އާދަޔާއި ޚިލާފަށް ތަންފީޒު ކުރެއްވި ޚާރިޖީ ވަޒީރުގެ ހިކުމަތްތެރި ކަމުންނޭ. އަދި މިދިމާވި ކޯވިޑްގެ ދަތި އުދަނގޫ ވަގުތުގައިވެސް ވަރަށް ޚިކުމަތްތެރިކަމާއިއެކު ކުރެއްވި މަސައްކަތުން މިހިސާބަށް މިއާދެވުނީ." ޖީހާ ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ ކޯވިޑުގެ ދަތި އުނދަގޫ މުޅި ދުނިޔެއަށް ކުރިމަތިވި ވަގުތުގައިވެސް ރާއްޖެއާއި ބޭރު ދުނިޔެއާ އޮތް ގާތް ގުޅުމުގެ ސަބަބުން، ރާއްޖެއަށް ދުނިޔޭގެ ހުރިހާ ޤަައުމެއްގެ އެހީތެރިކަންވެސް ލިބެމުންދިޔަކަމަށެވެ. މިހާލަތުގައިވެސް ރާއްޖެއިން ގެންގުޅުނު ޚާރިޖީ ސިޔާސަތާއި ގެންގުޅުއްވި ހިކުމަތްތެރި ވިސްނުމަކީ ރާއްޖެއަށް ކޯވިޑާއިއެކުވެސް މިފަދަ މުހިންމު މަޤާމުތައް ލިބުމުގެ އެންމެ ބޮޑު ސަބަބުކަމަށް ޖީހާން ވިދާޅުވިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް މިނިސްޓަރ ޝާހިދު އިންތިޚާބު ވެވަޑައިގެންފައިވާއިރު މިއީ 1965ވަނަ އަހަރު ރާއްޖެ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޤާއިމްވުމަށްފަހު ޚާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީއެވެ. މިނިސްޓަރ ޝާހިދު މިފަދަ މުހިންމު މަޤާމަކަށް އިންތިޚާބުވެ ވަޑައިގެންފައިވާއިރު، މެމްބަރު ޖީހާންވެސް ވަނީ ދާދި ފަހުން އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް ޖީހާންވެސް ވަނީ އިންތިޚާބުވެފައެވެ.

ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތައި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިސަރުކާރަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް މަރުހަބާ ކިޔާ މުޅި ދުނިޔެއާއި، ގުޅިގެން މަސައްކަތް ކުރާނެ ސަރުކާރެއްކަމަށެވެ.