ޚަބަރު

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހްއާއި އަނބިކަނބަލުން ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުފައި ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ޤައުމުގެ ވެރިންވެސް ފާހަގަކުރެއްވިއެވެ.

ދެބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނުރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ވަޑައިގެންނެވީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.