ހުޅުމާލޭގައި ބާރު އަޑަކާއެކު އެއްޗެއް ގޮވުމުގެ ސަބަބުން ނުރައްކަލެއް އޮތްތޯ ބެލުމުގެ މަސަކަތް ފުލުހުން ފަށައިފިއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި އެއްޗެއް ގޮވުމުގެ ސަބަބުން ފުލުހުންނާއި ސިފައިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރުކުޅުމަށް ޚާއްސަކޮށްފައި އޮންނަ ހުސްބިމުގައިކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ވެފައިވާކަމުގެ މައުލޫމާތެއް ނުލިބޭކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާގައި ލިބުނު ގެއްލުމާއި، އެކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެއްޗެއް ގޮވާފައިވަނީ ހުޅުމާލޭ ޗައިނާ ޓައުން ސަރަހައްދުން ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ވަނީ މީހުންނަށް ނުވަދެވޭގޮތަށް އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.