ޚަބަރު

މިޞްރުން ސްޕެއިން މޮޅުވިޔަނުދީ ހިފަހައްޓައިފި


ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ސްޕެއިން ކުޅުނު ފުރަތަމަ މެޗްގައި މިޞްރާ ވާދަކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިމެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް ދެ ޓީމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔައެވެ. މެޗްގެ ފުރަތަމަ ހާފްގައި ސްޕެއިންއަށް ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ރިއަލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީ އަށެވެ. ޑެނީ ފޮނުވާލި ބޯޅަ އަމާޒްވެފައިވަނީ ގޯލްގެ ދަނޑިއަށެވެ.

ނިމިގެންދިޔަ ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި ސްޕެއިންގެ ޕެޑްރީއަށްވެސްވަނީ އެޓީމަށް ލީޑް ހޯދައިދެވޭ ގޮތް ނުވެފައެވެ. ވެސްޓް ބްރޯމްއަށް ކުޅެމުން އަންނަ މިޞްރުގެ އަހުމަދު ހިގާޒީވަނީ ސްޕެއިންގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. ޔޫރޯގެ ސްޕެއިންގެ ސީނިއާރ ޓީމަށް ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް އޮލިމްޕިކްސް ސްކޮޑްގައި ހިމެނެއެވެ. އޭގެ ތެރޭގައި މިކައިލް އޮޔަޒަބާލް، ޑެނީ އޮލްމޯ، ޕައު ޓޮރޭޒް، އެރިކް ގާސިޔާ އަދި ފެޑްރީ ހިމެނެއެވެ.

އޮލިމްޕިކްސް ފުޓްބޯޅަ މުބާތުގައި މެކްސިކޯ ވަނީ ފްރާންސްގެ މައްޗަށް ކުރި ހޯދާފައެވެ. ގްރޫޕް އޭގައި ކުޅުނު މިމެޗުން ފްރާންސް ބަލިވީ 4 ލަނޑު 1 ލަނޑުންނެވެ.

ޓޯކިއޯގެ އަޖިނޮމޮޓޯ ސްޓޭޑިއަމުގައި ކުޅުނު މިމެޗްގައި ދެ ޓީމަށްވެސް މެޗްގެ ފުރަތަމަ ހާފްގައި ސުން ކަނޑުވާލަން ރަނގަޅު ފުރުސަތު ލިބިގެންދިޔަ، ނަމަވެސް އެއްވެސް ޓީމަކަށް ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފްގައެވެ. މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު މެކްސިކޯއިންވަނީ ލަނޑެއް ޖަހާ ލީޑް ނަގާފައެވެ. ފްރާންސް ޓީމް ސިއްސުވާލި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާނެސްޓޯ ވެގާއެވެ. މެކްސިކޯގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެންސިސްކޯ ކޯޑޯވާއެވެ.

ފްރާންސްއިން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗްގެ 69ވަނަ މިނެޓްގައި ޕެނަލްޓީއަކުން އަންދްރޭ-ޕިއޭ ޖިނަކް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑަށްފަހު މެކްސިކޯއިންވަނީ ދެ ލަނޑު ޖަހާފައެވެ. މިލަނޑުތައް މެކްސިކޯއަށް ކާމިޔާބުކޮށްދިނީ ކާލޯސް އަންޓޫނާ އާއި އެޑުއާޑޯ އަގީރޭއެވެ.