ޚަބަރު

އިންޑޮނޭޝިޔާގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައިފި


ކޯވިޑް-19ން ރައްކާތެރިވުމަށް އިންޑޮނޭޝިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ގޮވާލައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑޮނޭޝިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދޭންއުޅޭކަމުގެ އިޝާރާތަކެއް އެ ޤައުމުގެ ސަރުކާރުންވަނީ ދީފައެވެ. ނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނީ ލުއިތައް ދޭންޖެހޭ ހިސާބަށް އިންޑޮނޭޝިޔާގެ ޙާލަތު ރަނގަޅުނުވާކަމަށާއި އިތުރު ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ. އެ ގޮތުން އިންޑޮނޭޝިޔާގައި އިޢުލާންކޮށްފައިވާ ފުރަބަންދު އިތުރަށް ފުޅާކުރަންޖެހޭކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި އިންޑޮނޭޝިޔާގެ 34 ޕުރޮވިންސްގެ ތެރެއިން 13 ޕުރޮވިންސެއްގައި ކޯވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންކަމަށާއި ވަރަށް އަވަހަށް ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. އެ ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ކޯވިޑް-19 ފެތުރެނީ އިންޑޮނޭޝިޔާގައެވެ. އެ ގޮތުން އެ ޤައުމުގައި ބަލިޖެހިގެން ދުވާލެއްގެ މައްޗަށް 1،400 މީހުން މަރުވެއެވެ. އަދި ބަލިމަޑުކަމުގައި އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދުވަނީ 77،000އަށްވުރެ އިތުރުވެފައެވެ.