ޚަބަރު

ބައި-އިލެކްޝަންގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފި


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި އިންތިޚާބު ބޭއްވުމަށްޓަކައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފިއެވެ.

މިއީ އިލެކްޝަން ކޮމިޝަނުން އޮންލައިންކޮށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާއިލް ވިދާޅުވީ މިއީ ކޮމިޝަނުން ކުރިއަށް އޮތް އިންތިޚާބު ތަކުގައިވެސް އޮންލައިންކޮށް، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ފުރަތަމަ ތަޖުރިބާކަމަށެވެ.

ޝަހުލާ ވިދާޅުވީ ކޮމިޝަންގެ ވިސްނުން ހުރީ ކުރިއަށް އޮތް ބޮޑެތި އިންތިޚާބުތަކުގައިވެސް ރީ-ރަޖިޓްރޭޝަންގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިއިންތިޚާބުގެ ތަޖުރިބާ ވެގެންދާނީ މިކަމަށް ލިބިގެންދާ އިތުރު ކުރިއެރުމަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު އޮންނަ 5 ފަސް ދާއިރާގައި އޮންލައިންކޮށް ރީރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، ރީ-ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 26 ވަނަ ދުވަހެވެ. ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. މިޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ނަމަވެސް، 2021 އޮގަސްޓް 31ވަނަ ދުވަހުގެ ނިޔަލަށް އައިޑީ ކާޑުގެ މުއްދަތު އިތުރުކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން އަންގާފައިވާތީ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ޤަބޫލުކުރެވޭނެކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އޮގަސްޓު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2021 ޖުލައި 22 ވާ ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން 2021 ޖުލައި 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މި ފުރުޞަތުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލާފައިވަނީ ނޮޅިވަރަން، ކެނދިކުޅުދޫ ކ. ދިއްފުށި އަދި ފެރިދޫ، ރައްޔިތުން އެކަންޏެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެމެމްބަރުން ވަނީ އިންތިޚާބަކާއި ނުލައި، އިންތިޚާބު ވެފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ 3 މެމްބަރުންނެވެ. ދެން އިންތިޚާބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.