ޚަބަރު

ގްރޭޓަރ މާލެ ކަނެކްޝަން ގްރިޑްގެ ދެވަނަ ސަރކިޓް އެނަރޖައިޒްކޮށްފި


ގްރޭޓަރ މާލެ ކަނެކްޝަން ގްރިޑްގެ ދެވަނަ ސާކިޓް ސްޓެލްކޯއިން އެނަރޖައިޒްކޮށްފިއެވެ. މިމަސައްކަތް ކުރުމަށް މިއަދު މާލެއިންވަނީ ގާތްގަނޑަކަށް ދެގަޑިއިރެއްހާއިރުވަންދެން ކަރަންޓު ކަނޑާލާފައެވެ.

ގްރޭޓަރ މާލޭ ކަނެކްޝަން ގްރިޑް މަޝްރޫއަކީ ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢުކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން ވިދާޅުވީ ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފަސޭހަ ނިޒާމަކުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރިއަށްގެންދާ މިމަޝްރޫއާއެކު ގިނަ ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ. އަދި މިކަން ކުރުމުގައި މިވަގުތު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ރައްޔިތުންނަށް އުފުލަންޖެހިދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިންވަނީ ގްރޭޓަރ މާލޭ ކަނެކްޝަން ގްރިޑްގެ ދެވަނަ މަރުޙަލާގެ މަސައްކަތް ކަމުގައިވާ މަޝްރޫޢުގައި ހިމެނޭ ދެވަނަ ސަރކެޓް އެނަރޖައިޒްކުރުމުގެ މަސައްކަތް ނިންމާލާފައެވެ.

ސްޓެލްކޯއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އެންމެ ފަހުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ހުޅުލޭގެ ސަބްސްޓޭޝަން އެނަރޖައިޒްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.


މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކިލޯ ވޮޓްގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލާ މަޝްރޫޢެކެވެ. މިއާއެކު ގްރޭޓަރ މާލޭގެ ކަރަންޓުގެ ޚިދުމަތް އެއްވިއުގައަކުން ގުޅާލެވުނީއެވެ. މިއީ މިސަރަޙައްދުގެ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. މިއާއެކު 100 މެގަ ވޮޓްގެ ހަކަތަ ފޮނުވުމުގެ ޤާބިލުކަން ލިބޭ ކަރަންޓު ކަނެކްޝަނާއެކު މިއިން ކޮންމެ ސަރަޙައްދަކުން ކަރަންޓު ކެނޑުނުކަމުގައިވީނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި އަނެއް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ގްރިޑުން ހަކަތަ ފޯރުކޮށްދީ ކަރަންޓުގެ މައްސަލަ ޙައްލުކުރެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށްޓަކާ ހުޅުމާލެ އަދި މާލޭގައި 95 މެގަވޮޓްގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ. މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.