ޚަބަރު

ސްކޫލު ދައުރުގައި ކަނޑައެޅި އަމާޒާއެކު، އައިޕީޔޫގެ އެންމެ މުހިންމު ކޮމެޓީއަށް


އެންމެބޮޑު އަމާޒަކީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގައި ރާއްޖެއިން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރުންކަމުގައި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ. އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީގެ އަސާސްތައް ނެގެހެއްޓުމަށް ސްކޫލު ދައުރުގައި ޝައުގުވެރިކަން އުފެދުނު ޖީހާއަކީ މިދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލް ކުރަމުންދާ ކަނބަލެކެވެ.

1990ގެ އަހަރުތަކުގައި އިންޑިޔާގައި ތައުލީމް ހާސިލް ކުރަމުންދިޔައިރު، ޖީހާން އަކީ އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީގެ މިމަސައްކަތުގައި އެއްވެސް ޝައުގުވެރިކަމެއް އޮތް، އަދި އެދާއިރާއިން ކިޔަވަމުންދިޔަ ބޭފުޅެއްވެސް ނޫނެވެ. ނަމަވެސް އިންޑިއާގައި ތައުލީމް ހާސިލްކުރި ޔުނިވަރސިޓީން، އޭރު ތައުލީމު ހާސިލް ކުރަމުންދިޔަ ދާއިރާއިން ޑިގްރީ ހާސިލް ކުރުމަށް ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި 200 ގަޑިއިރު ދަރުމަވެރި މަސައްކަތް ކުރަންޖެހުނެވެ.

މިމަސައްކަތުގައި ޖީހާންއަށް އަދަކުރަންޖެހުނީ އިންޑިއާގެ މަގުމަތިވެފައިވާ ކުޑަކުދިންނަށް ތައުލީމް ހާސިލްކޮށް ދިނުމުވެ. ޖީހާން ފާހަގަކުރައްވާ ގޮތުގައި މިމަސައްކަތަކީ ހަނގުރާމަވެރި ސަރަހައްދެއް ފިޔަވައި އެންމެ ދަތި ހާލުގައި މީހުން ދިރިއުޅުނު ސަރަހައްދު ކަމުގައި އޭރު ސިފަކުރެވުނު ކަމަށެވެ. އަދި މިމަސައްކަތާއެކު އިންސާނީ ހައްގުގެ ދާއިރާއަށް ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން އުފެދި، އެދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާކަމަށެވެ.

"އަޅުގަނޑަށް ލައްވާލީ އިންޑިޔާގެ ސްލަމްއެއް. މަގުމަތިވެ، ގެދޮރުހަދައިގެން ތިބޭ މީހުންގެ ކަންކަން ބެލެހެއްޓުން. އެތާތިބޭ ކުޑަކުދިންނަށް ކިޔަވައިދޭން އަޅުގަނޑަށް ދާންޖެހުނީ. އެހާލަތަކީ އިންސާނުން އެންމެ ހާލުގައި އުޅެމުންދާތަން ފެންނާނެ އެއްހާލަތު. ހަނގުރާމަވެރި މައިދާނެއް ނަގާފައި ފެންނާނެ އެންމެ ދަތިހާލަތު. 200 ގަޑިއިރު ހަމަވިއިރު، މުޅި މަސައްކަތް އެކީ ބަދަލުވުމުގެ ޝައުގުވެރިކަން ދިޔަ އެކަމަށް." ޖީހާން ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކަށް ޖީހާން ގެންދަވަނީ އެދުވަހުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖީހާން ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ. އަދި މިވަގުތު މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުވެސް މެއެވެ. މަޖިލިސް ތެރެއިންވެސް ޖީހާންއަށް މިދާއިރާއިން ކުރިއަށް ދިއުމަށް ވަނީ ތަނަވަސް ފުރުސަތުތަކެއް ހުޅުވިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުޤައްރިރަކީވެސް ޖީހާންއެވެ.

އިންސާނީ ހައްގުތަކުގެ ދާއިރާއިން ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޖީހާން ވަނީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް އިންތިޚާބު ވެފައެވެ. ޖީހާއަށް މި މަޤާމު ހާސިލްވެފައިވަނީ މަޖިލިސްގެ ނާއިބް ރައީސް އިވާ އަބްދުﷲ އާއި، މަޖިލީހުގެ އިދާރީ ޓީމުގެ ވަރަށް ބުރަ މަސައްކަތުންނެވެ.

ކޮމެޓީގެ މަޤްސަދުތަކާއި ގުޅޭގޮތުން ޖީހާން ވިދާޅުވީ، ކޮމެޓީން ކޮންމެ އަހަރަކުވެސް ޚާއްސަ އެޖެންޑާއެއް ކަނޑައަޅާނެކަމަށެވެ. އެއްކަމަކީ މުޅި އައިޕީޔޫއިން ކުރިއަށް އޮތް އަހަރަށް އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީއަށް މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައެޅުންކަމަށެވެ. މީގެ ތެރެއިންވެސް އެންމެ ބާރުގަދަ ވަގުތަކީ އަހަރަކު އޮންނަ 2 ބައްދަލުވުމުގެ ތެރެއިން އެޖެންޑާ ކަނޑައަޅާ ބައްދަލުވުންކަމަށެވެ. އެބައްދަލުވުމުގައި ރާއްޖެއިން ހާސިލް ކުރަން ބޭނުންވާ ކަންކަން އެޖެންޑާގައި ހިމަނައި، އެކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރަވާނެކަމަށް ޖީހާން ވިދާޅުވިއެވެ.

"ހިތުގެ އަޒުމް އޮތީ ކޮމެޓީގައި މަސައްކަތްކުރާއިރު ވަރަށް ބޮޑަށް އެލައިން ކުރަން ދިވެހިރާއްޖެ އިން ޖުމްލަ ގޮތެއްގައި، އިންސާނީ ހައްގުތަކުގެ ދާއިރާއިން، ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ދާއިރާއިން، ރާއްޖެއިން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރުމުގައި އިންޓަރ ޕާލިމަންޓްރީ ޔޫނިއަންގައި މިލިބިފައިވާ ޖާގަ، މިފުރުސަތުގެ ބޭނުންކުރަން." ޖީހާން ވިދާޅުވިއެވެ.

ޖީހާން އަކީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަށް ދިވެހި ރާއްޖެއިން އިންތިޚާބުވި ފުރަތަމަ މެމްބަރެވެ. ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އައިޕީޔޫގައި 150އަށްވުރެ ގިނަ ޤައުމުގެ މަޖިލިސްތައް ތަމްސީލުކުރެއެވެ.