ދުނިޔޭގެ ވިޔަފާރި

"ޓޯކިޔޯ 2020"ގެ އިޝްތިހާރުތައް ނުދެއްކުމަށް ޓޮޔޯޓާއިން ނިންމައިފި


ޖަޕާނުގެ "ޓޯކިޔޯ އޮލިމްޕިކް 2020" ގެ އެއްވެސް އިޝްތިހާރެއް ނުދައްކާނެ ކަމަށް މިއިވެންޓް ސޮޕްންސަރ ކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޓޮޔޯޓާ މޮޓޯއިން ބުނެފިއެވެ.

މިކަން މިގޮތަށް ނިންމީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މި ކަން ރާވާ ފަރާތަށް ރައްކާތެރިކަމާއިއެކު އިވެންޓް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަންނެތްކަމަށް ޖަޕާނުގެ ވަރަށްގިނަ ބަޔަކު ބުނަމުންދާތީ ކަމަށް ޓޮޔޯޓާއިން ބުނެއެވެ.

މީގެއިތުރުން ބައިނަލްއަޤުވާމީ އޮލިމްޕިކް ކޮމެޓީއާއި އިވެންޓް ރާވާ ހިންގުމުގައި އުޅޭ އެހެން އޮގަނައިޒޭޝަން ތަކުންވެސް ކަންތައްތައް ނިންމުން ލަސްކުރުމާއި މައިގަނޑު ސްޕޮންސަރުންނާއި މަޝްވަރާނުކުރެވުންވެސް މިކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމުގައި ޓޮޔޯޓާއިން ބުނެއެވެ. ޓޮޔޯޓާގެ ޗީފް އެގްޒެކްޓިވް އޮފިސަރއާއި އެކުންފުނީގެ އެހެން އިސްވެރިންވެސް "ޓޯކިޔޯ އޮލިމްޕިކް 2020" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާނެއެވެ.

މި އިވެންޓް ސްޕޮންސަރ ކުރުމަށް ޖަޕާނުގެ 60 ވަރަކަށް ކުންފުނިން 3 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ވަނީ ޚަރަދު ކޮށްފައެވެ. އާންމުންގެ ތަރުޙީބު މާބޮޑަށް ނުލިބިއޮތް މި އިވެންޓް ސޮޕްންސަރ ކުރުމުން ކުންފުނިތަކުގެ ބްރޭންޑަށް ވާނެގޮތަކާއި މެދު މި ހުރިހާ ފަރާތްތަކުންވެސް މިހާރު ދަނީ ވިސްނަމުންނެވެ.

68 އިންސައްތަ މީހުން ޖަވާބުދިން ޖަޕާނުގެ ނޫހަކުން ނެގި ޚިޔާލުފާޅު ކުރުމުގެ ޕޯލަކުން ދައްކާގޮތުގައި ކޯވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ރައްކާތެރިކަމާއިއެކު އިވެންޓް ކުރިއަށް ގެންދެވިދާނެކަމަށް 55 އިންސައްތަ މީހުން ޤަބޫލެއް ނުކުރެއެވެ. އަދި އެމީހުން ގޮވާލަނީ އިވެންޓް ކުރިއަށް ނުގެންދިއުމަށް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކޯވިޑްގެ ބަލިމަޑުކަން ޓޯކިޔޯގައި މިހާރު އިތުރުވެފައިވާއިރު ބޭރުގެ އެތައް އެތުލީޓުންނާއި، އޮފިޝަލުންނާއި ނޫސްވެރިންވެސް ބައިވެރިވާ މި އިވެންޓް ކުރިއަށް ގެންގޮސްފިނަމަ ކޭސްތައް އިތުރުވެ އިތުރު ވޭރިއަންޓްތައް ފެތުރިދާނެކަމުގެ ބިރު އެބައޮތްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިކަމާއިގުޅިގެން ޖަޕާނު ސަރުކާރުން ބުނަނީ އޮގަނައިޒަރުންނާއި ވަރަށްގާތުން މަސައްކަތްކޮށްގެން ރައްކާތެރި ކަމާއެކު އިވެންޓް ކުރިއަށް ގެންދެވޭތޯ ބަލާނެކަމަށެވެ. މި އިވެންޓް މި މަހުގެ 23 ން އޯގަސްޓްމަހުގެ 8 އަށް ކުރިއަށްދާނެއެވެ.