ޚަބަރު

އެމްޑީޕީގެ މުޒާހަރާ ނިންމާލައިފި


އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާ މިއަދު ހަވީރު ނިންމާލައިފިއެވެ. މުޒާހަރާ ނިންމާލުމުގެ ގޮތުން ވަނީ މުޒާހަރާ ކުރިއަށް ގެންދިޔަ ސަރަޙައްދުގައި ޚާއްޞަ ދުޢާއެއް ކޮށްފައެވެ. ހުކުރު ދުވަހުން ފެށިގެން އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެފަރާތުން ސަރުކާރަށް ތިން ޑިމާންޑެއް ހުށައަޅާފައިވެއެވެ. އެއީ ޖިނާޢީ ކުށުގެ ޙުކުމެއް ކުރެވި، ތޭރަ އަހަރަށް ޖަލަށްލެވިފައިވާ އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށާއި، ޖަލުޙުކުމް މިހާރު ތަންފީޒްކުރަމުންދާ ބައެއް މީހުންނާއި، ޝަރީޢަތް ކުރިއަށްދާ ބައެއް މީހުންގެ ޝަރީޢަތް ހުއްޓަލުމަށްފަހު، އެމައްސަލަތައް އަލުން ތަޙުޤީގްކުރުމެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓާލުމަށްފަހު ހުރިހާ ޕާޓީތަކާއެކު މަޝްވަރާކުރުމަށްވެސް ހުށަހެޅި. ނަމަވެސް ސަރުކާރުން ވަނީ އެ ޑިމާންޑުތަކަކީ ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރަށް ކޮށްދެވޭނެ ކަންތައްތަކެއް ނޫންކަމަށް ހާމަކުރައްވާފައެވެ. ސަރުކާރުން ސިފަކުރެއްވި ގޮތުގައި، އެމްޑީޕީން ހުށައަޅަފައިވާ ޑިމާންޑްތަކަކީ ސަރުކާރުން ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރައްވަމުން ގެންދަވާތީ، ޤާނޫނާ ޚިލާފްވުމަށް ހުށައަޅަފައިވާ ކަންތައްތަކެވެ. އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި  އެ ޙަރަކާތުގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން  ވާހަކަ ދައްކަފާވަފައެވެ. އެ ބޭފުޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވާފައެވެ.އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އެކި ފަހަރު މަތިން މަގުތަކަށް ނިކުތުމަށް މަސައްކަތްކޮށްފައިވޭ. ނަމަވެސް ފުލުހުން އެފުރުޞަތު ދީފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ، މުޒާހަރާކުރުމަށް ވަކި ތަނެއް ދީ، ވަކިގޮތަކަށް އަންގާފައި ވަނިކޮށް މަގުތަކަށް ނިކުތުމަށް މަސައްކަތްކުރުމަކީ ޞުލްހަވެރި ސިޔާސީ ޙަރަކާތެއްކަމަށް ނުބެލެވޭނެކަމަށެވެ. އަދި އެއްވެސް ރެޔަކު ބާރާގެ ފަހުން މުޒާހަރާ ކުރިއަށް ގެންދިއުމަށްވެސް ފުލުހުން ޖާގަނުދީ ބާރަޖެހުމުން ވަނީ މުޒާހަރާ ރޫޅާލާފައެވެ.