ޚަބަރު

ކޯވިޑް-19ގެ ޙާލަތު ގޯސްވެ ކަރާޗީގެ ހަސްފަތާލުތައް ފުރިއްޖެ


ޕާކިސްތާނުގެ ސިންދު ޕުރޮވިންސްގެ ވެރިރަށްކަމަށްވާ ކަރާޗީގައި ކޯވިޑް-19ގެ ޙާލަތު ގޯސްވުމުގެ ސަބަބުން ހަސްފަތާލުތައް ފުރިއްޖެއެވެ.

ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ސިޓީކަމަށްވާ ކަރާޗީގެ ސަރުކާރު ހަސްފަތާލުތަކާއި އަމިއްލަ ހަސްފަތާލުތައް ފުރުމުން އިތުރު ބަލިމީހުންނަށް ފަރުވާ ދިނުމަށް ނުކުޅެދިފައިވާކަމަށް ސިންދުގެ ސަރަޙައްދީ ސަރުކާރުންވަނީ ބުނެފައެވެ. އަދި ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާތެރިކަމާއެކު ޢަމަލުކުރުމަށް ސަރަޙައްދީ ސަރުކާރުންވަނީ އިލްތިމާޞްކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކަރާޗީގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ 25.7 އިންސައްތަ އިތުރުވެފައެވެ. އެއީ ޕާކިސްތާނުގެ އެހެން ސަރަޙައްދުތަކަށްވުރެ ވަރަށް ބޮޑު އިތުރުވުމެކެވެ. އެ ގޮތުން ޕާކިސްތާނުގެ އެހެން ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ނިޞްބަތަކީ 5.25 އިންސައްތައެވެ. ޔުނިވާސިޓީ އޮފް ކަރާޗީގެ ސެންޓަރ ފޮރ ކެމިކަލް އެންޑު ބަޔޮލޮޖިކަލް ސައިންސަސުން ބުނެފައިވާ ގޮތުގައި ކަރާޗީގައި ބަލިޖެހުނު މީހުންގެ 92.2 އިންސައްތަ މީހުންނަށް ޖެހިފައިވަނީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓެވެ.

ޕާކިސްތާން މެޑިކަލް އެސޯސިޔޭޝަންގެ ސެކެޓުރީ ޖެނެރަލް ޑރ ޤައިސަރު ސައްޖާދު ވިދާޅުވި ގޮތުގައި ކަރާޗީން ފެންނަނީ ބަލިމަޑުކަމުގެ އެންމެ ގޯސް ޙާލަތުގައި ޕާކިސްތާނުގެ އެއްވެސް ސަރަޙައްދަކުން ފެނުނު މަންޒަރުތަކެއް ނޫންކަމަށެވެ. އަދި ޢީދު ބަންދުގެ ތެރޭގައި ޢާންމުން ފަރުވާކުޑަކޮށްފިނަމަ ޙާލަތު އިތުރަށް ގޯސްވާނެކަމަށާއި ޞިއްޙީ ފަރުވާދޭ މަރުކަޒުތަކާއި ޞިއްޙީ އެހީތެރިންނަށް ކޮށްދެވޭނެކަމެއް ނޯންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.