ދުނިޔޭގެ ވިޔަފާރި

ތަރައްޤީވަމުން އަންނަ ޤައުމުތަކާއެކު އިނގިރޭސިވިލާތުން ވިޔަފާރިތައް ކުރިއަރުވަނީ


ޓެކްސް ރޭޓް ދަށްކުރުމާއެކު ވިޔަފާރީގެ ޤަވާއިދުތައް ލުއިކޮށް ތަރައްޤީވަމުން އަންނަ 70 ޤައުމަކާއެކު އިނގިރޭސިވިލާތުން ވިޔަފާރިތައް ކުރިއަރުވަން ތައްޔާރުވާކަމަށް އެ ޤައުމުން ބުނެފިއެވެ.

މިއީ ޔޫރަޕް އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު ވިޔަފާރިތަކުގެ އުޞޫލުތައް ކަނޑައަޅާނެ ބާރު އެޤައުމަށް ލިބުމުން ބައިނަލްއަޤުވާމީ ވިޔަފާރިތައް އެޤައުމުގައި ގާއިމުކުރުމުގެ ގޮތުން ކުރާ ކަމެއްކަމަށްވެސް އިނގިރޭސިވިލާތުން ބުނެއެވެ.

ޔޫރަޕް އިއްތިޙާދުގެ ސްކީމަކަށް ހަދާ މި މި ޕްލޭންގެ ތަފްޞީލު ފަހުން ހާމަކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ. އިނގިރޭސިވިލާތުގެ ވިޔަފާރިތަކާއިބެހޭ ވަޒީރު ލިޒް ޓްރަސް ވިދާޅުވިގޮތުގައި އެޤައުމަކީ މިހާރު މިނިވަން ޤައުމެއްކަމަށާއި ވިޔަފާރިތަކާއި ގުޅިގެން ކަންތައްތައް ތަފާތުކޮށް ކުރެވޭނެއެވެ.

އިނގިރޭސިވިލާތާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކުރުމަށް ދަތިވެފައިވާ ޤައުމުތައް ކަމަށްވާ އިންޑޮނޭޝިއާ، ޕާކިސްތާން އަދި ނައިޖީރިއާފަދަ ޤައުމުތަކަށް ދިމާވާ މިފަދަ ދަތިތައް ކުޑަކުރުމަށް މިސްކީމުން ބާރުލިބޭނެއެވެ.

މިއާއެކު އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް މަދުކުރުމާއި ވިޔަފާރިތަކުގެ ޤަވާއިދުތައް ވީހާވެސް ލުއިކުރުންވެސް މި ސްކީމްގައި ހިމެނެއެވެ. ކެނެޑާ، އެމެރިކާ، ޖަޕާން އަދި އދ ގައިވެސް މިސްކީމާއި ދާދި އެއްގޮތް ސްކީމެއް ބޭނުންކުރެއެވެ.