ޚަބަރު

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި


އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިއަހަރުގެ ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް، މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރެއަށް އިތުރުކޮށްފައިވެއެވެ. އަދި ޓެކްސް ދެއްކުމަށް ދެވޭ ޚާއްޞަ އިސްތިސްނާތަކުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް އާމްދަނީ ޓެކްސް ނެގުމުގެ ޤާނޫނު އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ގިނަ އިޞްލާޙުތަށް މި ބިލާއެކު ވަނީ ގެންނަވާފައެވެ.

މި ބިލުގައި ޤާނޫނުގެ އިސްތިސްނާވާ ޢާމްދަނީގެ ގޮތުގައި ރައީސާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅަށް ދައުލަތުން ކުރާ ޚަރަދު އެ ދެބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ގޮތުގައި ނުހިމަނަންވެސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ރައީސަށް ހާއްސަކުރެވިފައިވާ މާލެ އަތޮޅު އާރަށަށް ކުރާ ޚަރަދުވެސް އެ ޤާނޫނުން އިސްތިސްނާކޮށްފައިވާ އިނާޔަތްތެއްގެ ގޮތުގައި ހިމަނާފައިވާއިރު، ރައީސާއި ނާއިބު ރައީސްގެ އިތުރުން ރާއްޖޭން ބޭރުގައި ވަޒީފާއަދާކުރާ ޑިޕްލޮމެޓުންނަށް މަގާމުގެ މަސްއޫލިއްޔަތު ޢަދާކުރުމުގެ ސަބަބުން ލިބޭ އިނާޔަތަށްވެސް އިންކަމް ޓެކްސް ނުހިނގާނެކަމަށް މިބިލުގައި ހިމެނެއެވެ.

މީގެ އިތުރުން އިޤްތިޞާދީ ކޮމިޓީންވަނީ ބިލު މަޖިލީހަށް ހުށަހެޅި ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެއެއް ދައުލަތުން ހަމަޖައްސަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙް ގެނެސް އެ އިޞްލާޙްތައް ރައީސް ތަސްދީގުކުރައްވާފައިވާތީ އެ ދެ ބޭފުޅުންނަށް ހަމަޖައްސަވައިދެއްވާ ރަސްމީ ގެކޮޅުގެ އާމްދަނީން ނަގާ ޓެކުހުން އިސްތިސްނާ ކުރުމަށްވެސް ނިންމާފައެވެ.

ބިލުގައި ހިމެނޭ އިތުރު ބައިތަކުގެ ތެރޭގައި، ޓެކްސް ނެގޭނެ ކަންކަމުގެ ތެރެއަށް، ގާނޫނާ ޚިލާފަށް ލިބޭ މުދަލާއި ފައިސާއާއި، ހޯދި ގޮތް ނޭނގޭ މުދަލާއި ފައިސާ، އިންވެސްޓްމެންޓް، އަދި އެންމެހައި މުދާ ހިމަނައި އިތުރު ކުރުން ހިމެނެއެވެ.

އާމްދަނީން ޓެކްސް ނެގޭނެ ހަރަކާތްތަކުގެތެރޭގައި، ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބޭ ކޮމިޝަން، އޭގެތެރޭގައި ރާއްޖޭގައި މުނިފޫހި ފިލުވައިދޭ މީހުންގެ އާމްދަނީއާއި، ރިސާރޗް ތަކަށް ލިބޭ އާމްދަނީ އާއި، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ ވެސް ވަނީ ހިމަނާފައެވެ.