ޚަބަރު

އޭދަފުށިން ކޯވިޑް ބަލީގައި މީހަކު ނިޔާވެ، ޢަދަދު 217އަށް


ބ.އަތޮޅު ކޯވިޑް ސެންޓަރުގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ނިޔާވެފައިވަނީ 91 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ ރޭދަންވަރު 01:05 ހާއިރުއެވެ. މިއާއެކު މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 217އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 198 ދިވެހިންނާއި 19 ބިދޭސީންނެވެ. މިބަލީގައި އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު މިހާރުވަނީ ވަރަށް މަދުކުރެވިފައެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންނަށްވުރެ މިހާރު ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 140 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 59 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވީ 74 މީހެކެވެ.

ޢީދު ބަންދާ ދިމާކޮށް މިދުވަސްވަރު ގިނަ ބަޔަކު އަތޮޅުތެރެއަށް ދަތުރުކުރަމުންދާއިރު ރައްކާތެރިކަމަށްޓަކާ ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.