މުނިފޫހިފިލުވުން

ނެހާ ދުޕިއާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު


ބޮލީވުޑް ދެ ތަރިންކަމުގައިވާ ނެހާ ދުޕިއާ އަދި އަންގަދް ބެޑީއަށް ދެ ވަނަ ދަރިފުޅަކު ލިބެން އުޅޭކަން ދެ ތަރިންވެސް ހާމަކޮށްފިއެވެ.
ދެ ތަރިންވެސް ވަނީ މިކަން އިންސްޓްގްރާމްގައި ޙިއްޞާކޮށްފައެވެ. ނެހާ ވަނީ ފިރިމީހާ އަންގަދް އަދި ދަރިފުޅު މެހެރް އާއިއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓްގްރާމަށް ދޫކޮށްލާފައެވެ. އަދި ފޮޓޯގެ ކެޕްޝަންގައި ޖަހަންވީ އެއްޗަކާއިމެދު ދެ ދުވަސް ވަންދެން ވިސްނުމަށްފަހު އެންމެ ރަގަޅު އެއްޗަކަށް ފެނުނީ "ތެންކިޔު ގޯޑް" ކަމަށްވެސް ނެހާ ބުނެއެވެ.

އަންގަދް އާއި ނެހާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު މެއި މަހުއެވެ. އަދި އެ އަހަރުގެ ނޮވެމްބަރު މަހު ދެމަފިރިންނަށްވަނީ އަންހެންކުއްޖަކު ލިބިފައެވެ. އަންގަދް އެންމެފަހުން ފެނިފައިވަނީ "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާރލް" އިންނެވެ.

މޮޑެލް އަދި އެކްޓްރެސް ނެހާ ވަނީ ހިންދީ، ޕަންޖާބު، ތެލުގޫ، މަލަޔާލަމް އަދި ޖަޕަނީޒް ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައެވެ.

2002 ވަނަ އަހަރު ބޭއްވި ފެމިނާ މިސް އިންޑިއާގެ ޓައިޓްލްވެސް ނެހާ ވަނީ ހޯދާފައެވެ. އަދި ހަމަ އެ އަހަރު ބޭއްވި މިސް ޔުނިވާރސް ގެ ގަދަ 10 ގައިވެސް ނެހާ ހިމެނެއެވެ. މީގެއިތުރުން އެމްޓީވީ ރޯޑީޒްގެ ލީޑަރެއްގެ ގޮތުގައި އެ ޝޯގެ 14 ވަނަ ސީޒަނުން ފެށިގެން ނެހާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ނެހާ މިވަގުތު މަސައްކަތްކުރަނީ އޭނާގެ ޗެޓް ޝޯ "ނޯ ފިލްޓަރ ވިތް ނެހާ" ގައެވެ.