މުނިފޫހިފިލުވުން

ކަޕިލްގެ ޝޯ އަންނަމަހު އަލުން ފަށަނީ


2016 ވަނަ އަހަރު ސޮނީ ޓީވީން ދައްކަންފެށި "ދަ ކަޕިލް ޝަރުމާ ޝޯ" މިއަހަރު ކުރީކޮޅު މެދުކަނޑާލުމަށްފަހު އަނެއްކާވެސް އަންނަ އޯގަސްޓް މަހު އަލުން ފަށާނެކަމަށް ޝޯގެ ހޯސްޓް އަދި ކޮމޭޑިއަން ކަޕިލް ޝަރުމާ ބުނެފިއެވެ.

ޝޯގެ ތަރިން ކަމުގައިވާ ކްރިޝްނާ އަބީޝެކް، ބާރްތީ ސިންގް، ކީކޫ ޝަރްދާ އަދި ޗަންދަން ޕްރަބާޝްކަރާއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ޙިއްޞާކުރަމުން ކަޕިލް ބުނީ ކުރީގެ މޫނުތަކަކާއެކު އައު ފެށުމަކަށް ޝޯ ވަރަށް އަވަހަށް އަންނަ ކަމަށެވެ.

މިކަން ޙިއްޞާކުރަމުން ޝޯގެ ޖަޖް އަރުޗްނާ ޕޫރަން ސިންގވެސް ވަނީ ޝޯ އަލުން ފަށަން ތައްޔާރުކަމަށް ބުނެފައެވެ.

އަލުން ފަށާ އެޕިސޯޑްގެ ޕްރޮމޯގެ ޝޫޓިން މިމަހު ނަގާފައިވާއިރު އަންނަމަހު ޝޯ ދައްކަން މިހާރު ތައްޔާރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ކަޕިލްގެ ޢާއިލާއަށް ވަގުތު ދިނުމަށް ޝޯ މެދުކަނޑާލާފައި ވާއިރު ޝޯގެ ބައިވެރިންގެ ފީ ބޮޑު ކުރުމަކީވެސް ޝޯ ފެށުން ލަސްވެގެންދިޔަ ކަމެކެވެ.

މި ޝޯ އަލުން ދައްކާނީ ވެސް ކުރިން ވެސް ދެއްކި ގޮތަށް ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 9:00 ގަ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ މަޝްހޫރު ކޮމެޑީއަން ކަޕިލް ޝަރުމާއާ އެކު ގެނެސްދޭ ޝޯއެކެވެ. ފެބްރުއަރީގައި މެދުކަނޑައިލި ޝޯ އަލުން ފަށާ އިރު ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެއެވެ.
އައު ލިޔުންތެރިންނާ އާއި ކޮމީޑިއަނުންވެސް ޝޯގައި ހިއްސާވާނެ އެވެ.