މުނިފޫހިފިލުވުން

"ޝޭރްޝާހް" ގެ ޕޯސްޓަރު ދައްކާލައިފި


އިންޑިއާގެ މިނިވަންދުވަސް ކައިރިވެފައިވާއިރު ވަޠަނީ ފިލްމުތަކެއްވެސް ރިލީޒްކުރުމުގެ މަގުމަތީގައި އެބަހުއްޓެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ފިލްމަކީ ސިދާތް މަލޯތްރާ އަދި ކިއަރާ އަދްވާނީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޝޭރްޝާހް" އެވެ.

މި ފިލްމުގެ ޓީޒަރ ދައްކާލާފައިވާއިރު ދާދިފަހުންވަނީ ފިލްމުގެ ޕޯސްޓަރެއްވެސް ދައްކާލާފައެވެ. މިއާއެކު ޕޯސްޓަރަށް ބޮޑު ތަރުޙީބެއްވެސް ލިބިގެންދިޔައެވެ.

މިހާރު އަނެއްކާވެސް މިވަނީ ފިލްމުގެ އިތުރު ޕޯސްޓަރެއް ދައްކާލާފައެވެ. ކޯ ޕްރޮޑިއުސަރު ކަރަން ޖޯހަރް ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާ މި ޕޯސްޓަރަށްވެސް ގިނަބައެއްގެ ތަރުޙީބު އަންނަނީ ލިބެމުންނެވެ.
ޕޯސްޓަރާއެކު އަންނަ އޯގަސްޓް 12ގައި ފިލްމު ރިލީޒްކުރާނެކަންވެސް ކަރަން ވަނީ ޔަޤީންކޮށްދީފައެވެ.

އިންޑިއަން އާމީ ކެޕްޓަން ވިކްރަމް ބަޓްރާގެ މައްޗަށް އުފައްދާ "ޝޭރްޝާހް" އަކީ ބަޔޯގްރޮފިކަލް ވޯރ ފިލްމެކެވެ. ވިޝްނޫވަރުދަން ޑައިރެކްޓްކުރާ މި ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ. މިއީ ވިޝްނޫ ޑައިރެކްޓްކުރާ ފުރަތަމަ ހިންދީ ފިލްމެވެ.

ވިކްރަމް އަދި އެއްމާބަނޑު ބޭބެ ވިޝާލްގެ ރޯލުންވެސް ފެންނާނީ ސިދާތްއެވެ. ކިއަރާ ފެންނާނީ ޑިމްޕަލް ޗީމާގެ ރޯލުންނެވެ. ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިއޮތީ އޯގަސްޓް 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.