ވިޔަފާރި

ދިވެހި އުފެއްދުމެއްކަން އަންގައިދޭ ލޯގޯ ތަޢާރަފް ކުރުން


ޑިސެންބަރު 22 ން 28 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯ މޯލްޑިވްސް 2015 ގެ ތެރެއިން ދިވެހި އުފެއްދުމެއްކަން ކަށަވަރުކޮށްދޭ ލޯގޯ އިފްތިތާހް ކުރުން އޮންނާނެ ކަމަށް އިކޮނޯމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެކްސްޕޯ މޯލްޑިވްސްގެ ޗެއާމަން އަދި އިކޮނޮމިކް ޑިވޮލޮޕްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުﷲ މުހައްމަދު ވިދާޅުވީ މި ލޯގޯ އިފްތިތާހް ކުރެއްވުމަށްފަހު ރާއްޖޭގެ އުފެއްދުމެއްގެ ގޮތުގައި ބޭރުން މުދާއެތެރެ ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މިނިސްޓްރީގެ ފަރާތުން އެކަމަށް މިހާރު ތައްޔާރު ވަމުން ގެންދަވާ ކަމަށް އަބުދުﷲ ވިދާޅުވިއެވެ. ރާއްޖޭގެ އުފެއްދުންތަކުގެ ނަމުގައި ބޭރުޤައުމުތަކުން އުފެއްދުން އެތެރެކޮށް ވިއްކުމަކީ މިހާރުވެސް ޤާނޫނީ ކުށެކެވެ. ދިވެހި އުފެއްދުންތައް ކަން އެނގޭނެފަދަ ލޯގޯއެއް ތަޢާރަފް ކުރެވިގެން ދިއުމާއިއެކު ދިވެހި އުފެއްދުންތަކަށް ލިބެންޖެހޭ ހަމަ އަގު ހޯދައިދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ޤަބޫލު ކުރައްވައެވެ.ފަތުރުވެރިންނަށް ހާއްސަ ފިހާރަތަކުގައި ދިވެހި އުފެއްދުމުގެ ނަމުގައި ބޭރުން އެތެރެކުރާ ސާމާނު މިހާރުވެސް ގިނައަދަދަކަށް ވިއްކަން ހުންނަކަން ފާހަގަކުރެވެއެވެ.