ސިޔާސީ

ކުރީގެ މިނިސްޓަރު މަލީޙް އާއި ލޯޔަރު ވައްޑެ އަނެއްކާވެސް ޕީ.ޕީ.އެމްއަށް


ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް އާއި ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް އިދިކޮޅު ކޯލިޝަނާއި ގުޅިއްޖެއެވެ.

މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިދެބޭފުޅުން ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީ.ޕީ.އެމްއަށް ސޮއިކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް ޢަބްދުﷲއާއި ފޯމު ޙަވާލުކުރައްވާފައެވެ.

ޕީ.ޕީ.އެމާއި މިރޭ ގުޅުނު ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލަކީވެސް އެޕާޓީގެ ކުރީގެ މެމްބަރެކެވެ. މަލީޙް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2013 އިން 2015 އަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

އެހެންނަމަވެސް އޭރުގެ ސަރުކާރާމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު، މަލީޙުވެސް ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް މި ސަރުކާރުގައި މަލީޙު ފުރުއްވަމުން ގެންދެވި ވަޒީރުކަމުގެ މަޤާމުން އޭނާ ވަކިކުރުމާއެކު، މަލީޙު ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމަކީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި ތުލުސްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ވަހީދު އިބްރާހީމަކީ މީގެ ކުރިންވެސް ޕީ.ޕީ.އެމްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 2017 ވަނަ އަހަރު އޭނާ އެ ޕާޓީން ވަކިކުރިނަމަވެސް، ސުޕްރީމް ކޯޓުން ފަހުން ވަނީ އޭނާ އެ ޕާޓީން ވަކިނުވާކަމަށް ހުކުމް ކޮށްފައެވެ. އެހެންނަމަވެސް އޭނާ ފަހުން ވަނީ އެ ޕާޓީންވަކިވެ، އިދިކޮޅު ފަރާތްތަކާއެކު އެމް.ޑީ.ޕީ ކޯލިޝަން ސަރުކާރު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތުގައި ބައިވެރިވެފައެވެ.


އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ރަސްމިއްޔާތުގައި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޢަބްދުލްކަރީމްވެސް ވަނީ ޕީ.ޕީ.އެމްއާއި ގުޅިވަޑައިގެންފައެވެ. މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެމްބަރުކަންވެސް ކުރެއްވި މުހައްމަދު ޢަބްދުލްކަރީމް އެމް.ޑީ.ޕީން ވަކިވެފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

މި 3 ބޭފުޅުން އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފައިވާއިރު، ޕީ.ޕީ.އެމްއަށް މެންބަރުން އިތުރުކުރުމުގެ ޚާއްސަ ކެމްޕޭނެއް އެ ޕާޓީން ދާދިފަހުން ވަނީ ފަށާފައެވެ.