ޚަބަރު

ދުނިޔޭގެ 1ވަނަ ޓެނިސް ކުޅުންތެރިޔާ ބަރޓީ ޓޯކިޔޯއަށް ހިނގައްޖެ


ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ އޮސްޓްރޭލިއާގެ އޭޝްލީ ބަރޓީ އޮލިމްޕިކްސްގައި ވާދަކުރުމަށް ޓޯކިޔޯއަށް ހިނގައްޖެއެވެ.

ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ޓޯކިޔޯއަށް ގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. 25 އަހަރުގެ އޭޝްލީ ބަރޓީއަށް އޮލިމްޕިކްސްގައި ރަން މެޑަލެއް ލިބިއްޖެނަމަ، ބަރޓީއަށް ތާރީޚުގެ ތެރެއިން ޖާގައެއް ލިބިގެންދާނެއެވެ. އެއް އަހަރެއްގެ ތެރޭގައި ވިމްބަލްޑަން ޓެނިސް މުބާރާތާއި އޮލިމްޕިކްސްގައި ރަން މެޑަލެއް މިހާތަނަށް އަންހެނުންގެ ބައިން ހޯދިފައިވަނީ އެންމެ ތިން ޓެނިސް ކުޅުންތެރިންނަށެވެ.

1988ވަނަ އަހަރު ސްޓެވީ ގްރާފްއާއި 2000ވަނަ އަހަރު ވީނަސް ވިލިއަމްސްއާއި 2012ވަނަ އަހަރު ސެރީނާ ވިލިއަމްސްއެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ނަން މަޝްހޫރު ބައެއް ޓެނިސް ކުޅުންތެރިން ވާދަކުރާއިރު، މަޝްހޫރު ގިނަ ޓެނިސް ކުޅުންތެރިންތަކެއްވަނީ އެކި ސަބަބުތަކާއި ހުރެ މިފަހަރުގެ އޮލިމްޕިކްސްގައި ވާދަނުކުރަން ނިންމާފައެވެ.

ޖަޕާންގެ ނައޯމީ އޮސާކާ ގޭމްސްގައި ވާދަކުރާއިރު، އޮލިމްޕިކްސްގެ ސިންގަލްސްއިން ގޯލްޑް މެޑަލްއާއި ޑަބަލްސްއިން ގޯލްޑް ހޯދާފައިވާ ރަފާ ނަޑާލްއާއި 4 ފަހަރު އޮލިންޕިކްސްގައި ގޯލްޑް މެޑަލް ހޯދާފައިވާ ސެރީނާ ވިލިއަމްސް، ޔޫއެސް އޯޕަން ޑޮމިނިކް ތީމް މިފަހަރު ގޭމްސްގައި ނުފެންނާއެވެ. މިފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގައި 46 ޤައުމަކުން ވާދަކުރާއިރު، ޓެނިސް އިވެންޓްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ.