ޚަބަރު

ފުވައްމުލައް ސިޓީ ކައުންސިލްގެ އަމާޒު: 5 އަހަރުދުވަހުން 500 ހައުސިން ޔުނިޓް އެޅުން


ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި ފުވައްމުލައް ސިޓީގައި 500 ހައުސިން ޔުނިޓް އެޅުމަކީ އަމާޒެއްކަމަށް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއިލް ރަފީޤް ވިދާޅުވެއްޖެއެވެ. މޭޔަރ ވިދާޅުވީ ހައުސިން ޔުނިޓްތައް އަޅާނީ ރައްޔިތުންގެ މަޝްވަރާއާއެކުގައިކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއިލް ރަފީޤް ވިދާޅުވީ ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ކައުންސިލުން މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި އެކި ފަންތީގެ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށާއި އަމާޒަކީ 500 ހައުސިން ޔުނިޓް އެޅުންކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ ކައުންސިލުގެ ވިސްނުމަކީ ގޯތި ދޫކުރުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ފްލެޓްތަކެއް އަޅާދިނުންކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ އެ ސިޓީގައި ބިމުގެ ގޮތުން ބަލާނަމަ ބޮޑެތި ޖާގަތަކެއް ނެތުމާއި އިޤްތިޞާދީ ހަރަކާތްތައް ހިންގުމަށްވެސް ބިން ބޭނުންވާނެތީކަމަށެވެ.

" ރަށުގެ ހުރިހާ ދިމާލެއްގައި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ވިސްނުން އެބަހުރި. ވަކި ވަކި ގޯތި ދިނުމުގެ ބަދަލުގައި ފްލެޓް ކުއްޔަށް ދިނުމަކީ އަމާޒެއް. މި ފްލެޓްތައް ވެގެންދާނީ ތަނަވަސް އުޅެން ފަސޭހަ ފްލެޓްތަކަކަށް" ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއިލް ރަފީޤް ވިދާޅުވިއެވެ.

ފުވައްމުލު ސިޓީން 800 މީހުން މިހާރުވެސް ފްލެޓް ބޭނުންވެގެން އެދިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި 200 އަށްވުރެ ގިނަ މީހުން ގެދޮރު އެޅުމަށް ލޯނަށްވެސް ވަނީ އެދިފައެވެ. މިދިޔަ ސަރުކާރުންވެސް ފުވައްމުލައް ސިޓީގައިވަނީ 200 ހައުސިންގ ޔުނިޓް އަޅާފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އެ ފްލެޓްތަކުގެ ތެރެއިން މިވަގުތު ނުދީ ހުރީ މަދު ފްލެޓްތަކެއް ކަމަށާއި އެ ފްލެޓްތައްވެސް އެގްރީމަންޓްގެ މަސައްކަތްތައް ނިމުނުހާ އަވަހަށް ހަވާލުކުރާނެކަމަށެވެ. މި ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށްވަނީ އިމާރާތައް ގެއްލުން ލިބިފައިވުމާއި ފެނުގެ މައްސަލައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށްޓަކައި އެތަންތަން ބެލެހެއްޓުމަށްޓަކައި ބަޔަކާ ހަވާލުކުރަން ނިންމާފައިވާކަމަށެވެ.

ކައުންސިލުން އެ ރަށުގައި ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ސަރުކާރުންވެސް އެ ސީޓގައި ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދެކުނުގެ ސަރަހައްދުގައި ފަހިދިރިއުޅުން މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 5000 ހައުސިންގ ޔުނިޓުގެ ތެރެއިން ފުވައްމުލަކުގައި 800 ހައުސިިން ޔުނިޓް އަޅައެވެ.
މިއީ ފަޅުގޯތި މަދުކޮށް މާލީ ގޮތުން ދަތިތައް ހުރުމުން ގެދޮރު ނޭޅިވާ ފަރާތްތަކަށް ގެދޮރު އަޅައި ދިނުމުގެ ބޭނުމުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގައި ގެދޮރު އެޅުމަށް ޑައުން ޕޭމަންޓެއް ދައްކަން ނުޖެހޭ އިރު، ގެދޮރަށް ލާރި ދައްކަން ޖެހޭނީ ގެއަޅައި ނިމި ހަވާލު ކުރެވުމުންނެވެ. އަދި މިގެތަކަށް ފައިސާ ދައްކަން 20 އަހަރުގެ މުއްދަތެއް ދެވެއެވެ

ފުވައްމުލަކު ސިޓީ ބިމުގެ ބޮޑު މިނުގައި 491.7 ހެކްޓަރު ހުންނައިރު އެ ސިޓީގެ އާބާދީއަކީ 12790 އެވެ.