ވިޔަފާރި

559000 ފަތުރުވެރިންނާއެކު މިދިޔައަހަރުގެ ޖުމްލަ އަދަދު ހުރަސްކޮށްފި


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ އިތުރުވެއްޖެއެވެ.

ހުސްވި އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555494 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 559000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ލިބެމުންދާ ކުރިއެރުންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖެއަށް 1.3 ފަތުރުވެރިން ގެނައުމަކީ އަމާޒެއް ކަމަށެވެ.

"އެންމެ ފުރަތަމަ ވާހަކަދެކެވުނީ 7 ލައްކަ 50 ހާސް ފަތުރުވެރިން ގެނެވޭނެ ކަމަށް، ބަޖެޓް ފޮތުގަ އޮންނާނީ އެއް މިލިއަން ޓޫރިސްޓުން މިއަހަރު އަންނާނެ ކަަމަށް، އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީގެ އުއްމީދީ ނަމްބަރަކީ 1.2 މިލިއަން، ޓޫރިޒަމް މިނިސްޓްރީގެ އުއްމީދީ ނަމްބަރަކީ 1.3 މިލިއަން ޓޫރިސްޓުން،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް އަލުން ހުޅުވާލާފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ދަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ 23 އިންސައްތައަކީ ދެކުނު އޭޝިއާގެ ފަތުރުވެރިން ކަމަށެވެ. އަދި މިހާރު އެޤައުމުތަކުގެ ފަތުރުވެރިންނަށް އަލުން ޓޫރިސްޓް ވިސާ ދޫކުރަން ފެށުމުން 23 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

" އޭޕްރީލް 2 އަކުންފެށިގެން އިއްޔެ އަކީ ފާހަގަކޮށްލެވޭ ދުވަހެއް، 4500 ފަތުރުވެރިން އެދުވަހު އައި، މިއަދުވެސް 5000އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ، ވަރަށް ބޮޑަށް ނަމްބަރު އިތުރުވެއްޖެ، ޑިމާންޑް އެބައޮތް އިންތިހާއަށް،" މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑްގެ މި ހާލަތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަށް އިތުރުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމަށް ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތަކެއް ކުރަމުންނެވެ.