ޚަބަރު

"ޗައިނާ ސްރީލަންކާ މޯލްޑިވްސް ޓޫރިޒަމް ފޯރަމް"ގައި ރާއްޖެ އިޝްތިހާރުކޮށްފި


  • ފޯރަމްގެ ބޭނުމަކީ 3 ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން

  • މި ފޯރަމް ބާއްވާފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި

ޗައިނާ-ސްރީލަންކާ-މޯލްޑިވްސް ޓޫރިޒަމް ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ފޯރަމް ބާއްވާފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ.

މި ފޯރަމްގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ފަރާތުންނެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މި 3 ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމެވެ. މި ފޯރަމްގައި ދިވެހި ވަފުދުން ޘަޤާފީ ފަތުރުވެރިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، މި ތިން ޤައުމުގެ މެދުގައި ވަރުގަދަ ގުޅުމެއް ޤާއިމުކުރުމަށް މަގުފަހިކުރާނެ ގޮތްތަކާ މެދު ވާހަކަދައްކާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ފޯރަމަކީ ޗައިނާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތައް އެއްތަނަކަށް ޖަމާވެ، އެކުގައި މަސައްކަތްކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ދިވެހި ވަފުދުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ފޯރަމްގެ ސަބަބުން ތިން ޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ފޯރަމްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒުހިފާފައެވެ.