ޚަބަރު

ތައުލީމީ ސެޓްފިކެޓް ނެތް މީހުން، ސެޓްފިކެޓް ހޯދުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި


ރަސްމީ ތަޢުލީމެއް ނެތި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތައް ރަސްމީ ސެޓްފިކެޓެއް ހޯދުމަށް ރަޖިސްޓްރީވާން މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތަޢުލީމެއް ނެތި ވަޒީފާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ ހުނަރު ރަސްމީ ސިފައެއްގައި ބަލައިގަނެވޭނެ ނިޒާމެއް މިމަހުގެ 13 ވަނަ ދުވަހު އިފްތިތާޙްކޮށްފައެވެ.

ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަންގެ ގަވައިދު ތަންފީޒުކުރަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީންނެވެ. ރަސްމީ ތަޢުލީމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކޮށްފައިވާ މީހުން އެމީހުންގެ ހުނަރުތައް ހުރިތޯ ބަލައި، އިމްތިހާން ހެދުމާއި، ސެޓްފިކެޓް ލިބުމުގެ ފުރުޞަތު މި ޕްރޮގްރާމެގެ ދަށުން ލިބިގެންދެއެވެ.

ރަސްމީ ސެޓްފިކެޓެއް ހޯދުމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތައް އިމްތިހާނަށް ތައްޔާރުތޯ ބަލާނެކަމަށް ޕޮލިޓެކްނިކްއިން ވިދާޅުވެއެވެ. އަދި އިމްތިޙާނަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭ މަޢުލޫމާތުތައް ދިނުމަށް ހަމަޖެހިފައިވާއިރު އިމްތިޙާނަށް ތައްޔާރުވުމަށް މުއްދަތެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިމްތިހާންގެ ކުރިން ފުރަތަމަ ދެނީ ޕްރީ އެސެސްމަންޓެއްކަމަށް ޕޮލިޓެކްނިކް ވިދާޅުވެއެވެ.

މި ޕްރޮގްރާމްއަކީ ވަޒީފާގައި އުޅޭ ފާރާތްތަކުގެ ތެރެއިން ރަސްމީ ތަޢުލީމެއް ނެތް ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމުން ވީހާވެސް ގިނަ ބަޔަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބެގެން މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. ޕޮލިޓެކްނިކްއިން ވިދާޅުވީ އެއް ރަށެއްގައި މަދު މީހުން ރަޖިސްޓްރީވެފައިވާނަމަ ކައިރި އެހެން ރަށްރަށުގައި ތިބި ފަރާތްތަކާއެކު އިމްތިޙާންގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ދޭ ސެޓްފިކެޓަކީ އެމްއެންކިއުއޭ ޤަބޫލުކުރާ ސެޓްފިކެޓެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމަކީ ވަކި އުމުރެއް އަދި ޖިންސަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށާއި ވަޒީފާއެއްގައި މެދުނުކެނޑި 5 އަހަރުދުވަސްވަންދެން މަސައްކަތްކޮށްފައިވާ މީހުންނަށް އިމްތިހާންގައި ބައިވެރިވެވޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.