މުނިފޫހިފިލުވުން

ބޮލީވުޑް ސިނަމާތަކުން ކުރުކޮށް ފޮނިކޮށް


ކަރަން ޖޯހަރްގެ "ތަޚްތު"ގެ ބަދަލުގައި ލޯބީގެ ފިލްމެއް

އިންޑިއާގައި ވެރިކަން ކުރި މުގަލްސްއަށް ގެ ވާހަތަކުގެ މައްޗަށް ކަރަން ޖޯހަރު އުފައްދަން ނިންމި ފިލްމު "ތަޙްތު" ގެ ބަދަލުގައި ލޯބީގެ ފިލްމެއް އުފައްދަން އޭނާ ނިންމައިފިއެވެ. ބޮޑު ކާސްޓަކާއެކު ކަރަން އިޢުލާންކުރި މި ފިލުމުގައި ކަރީނާ ކަޕޫރު ޚާން، ޢާލިއާ ބަޓް، ބޫމީ ޕަދްނޭކަރު، ޖާންވީ ކަޕޫރު، ވިކީ ކޯޝާލް އަދި އަނިލް ކަޕޫރު ހިމެނެއެވެ.

މި ފިލްމުގެ މަސައްކަތް ހުއްޓާލަން ނިންމީ ކަރަންގެ ކުރިއަށް އޮތް ލޯބީގެ ފިލްމު "ރޮކީ އޯ ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތްތަށް އެއްކޮށް ފޯކަސް ކުރަންކަމަށްވެސް އަޑުތައްވަނީ އަރާފައެވެ. މީގެއިތުރުން "ތަޙްތު" އަށް ބޮޑު ބަޖެޓެއް ބޭނުންވާތީ ކޯވިޑްގެ މި ދުވަސްކޮޅު އެ ފިލްމުގެ މަސައްކަތް ނުކުރަން ކަރަން ނިންމީކަމަށްވެސް ބައެއް މަސްދަރުތައް ބުނެއެވެ.

"ޝޭރޯ" ގެ ޝޫޓިންތައް ސަނީ ލިއޯން ފަށައިފި

ޝޫޓިންތައް މެދުކެނޑިފައި އޮތުމަށްފަހު ސަނީ ލިއޯންގެ ކުރިއަށް އޮތް ދެކުނު ފިލްމުގެ ޝޫޓިންގތައް އަލުން ފަށައިފިއެވެ. ސައިކޮލޮޖިކަލް ތްރިލަރ އެއްކަމަށްވާ މި ފިލްމުގައި ސަނީ ފެންނާނީ ލީޑް ރޯލުންނެވެ. ފިލްމު ޑައިރެކްޓް ކުރަނީ ސްރީޖިތް ވިޖެޔާން އެވެ.

މި ފިލްމު ތަމަޅަ، ހިންދީ ، ތެލުގޫ އަދި މަލަޔާލަމް ބަހުންވެސް ނެރޭނެއެވެ.

އަމީތާބާއެކު "ގުޑްބާއީ"ގައި މަސައްކަތް ކުރާނަން- އެލީ އަވްރަމް

ވިކާސް ބާލް ޑައިރެކްޓްކުރާ ފިލްމު "ގުޑް ބާއި"ގައި އަމީތާބާއެކު އެކްޓެރެސް އެލީ އަވްރަމް މަސައްކަތް ކުރާނެކަމަށް އޭނާގެ އިންސްޓަގްރާމްގައި ހާމަކޮށްފިއެވެ. އަމީތާބާއެކު މި ފިލްމުގައި މަސައްކަތްކުރަން ލިބޭތީ ވަރަށް އުފާވާކަމަށްވެސް އެލީ ވަނީ ބުނެފައެވެ.

ކޯވިޑާއި ހެދި ފިލްމުގެ ޝޫޓިންތައް މެދުކަނޑާލުމަށްފަހު އަނެއްކާވެސް ޝޫޓިންތައް ވަނީ ފަށާފައެވެ.
އަމީތާބު އަދި އެލީގެ އިތުރުން ނީނާ ގުޕްތާވެސް މުހިންމު ރޯލަކުން ފިލްމުގައި ފެންނާނެއެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރުގެ ބާލާޖީ މޯޝަން ޕިކްޗާރސްއެވެ. އެލީ އެންމެ ފަހުން ފެނިފައިވަނީ އެކްޓަރ އާމިރު ޚާނާއެކު ފިލްމު "ކޮއި ޖާނޭ ނާ" ގެ ލަވަ "ހަރް ފަން މައުލާ" އިންނެވެ.

އަނޫޕަމްގެ 519 ވަނަ ފިލްމު އިޢުލާންކޮށްފި

ބޮލީވުޑް އެކްޓަރ އަނޫޕަމް ކޭރް އޭނާގެ 519 ވަނަ ފިލްމު އިޢުލާން ކޮށްފިއެވެ. އަނޫޕަމް މިކަން އިޢުލާންކުރީ އެޓްލާންޓިކް އޯޝަންގެ މަތިން ދަތުރުކުރަމުންނެވެ.

ފިލްމުގެ ތަފްޞީލް ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް އަނޫޕަމް ވަނީ ބުނެފައެވެ.

"ބަޖްރަންގީ ބައިޖާން'" ގެ ސީކުއަލްއެއް ހަދަނީތަ؟

2015 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން" އަށް މި މަހުގެ 15 ވަނަ ދުވަހު 6 ފުރިފައިވާއިރު ފިލްމުގެ ސީކުއަލް ހަދާނެކަމުގެ ވާހަކަތައް މި ވަނީ ފެންމަތިވެފައެވެ.

ފިލްމުގެ ވާހަކަ ލިޔެފައިވާ ކޭވީ ވިޖެޔަންދްރަ ޕްރަޝާދު ބުނި ގޮތުގައި ސީކުއަލް އެއް ހެދުމަށް ވާހަކައެއްގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. އަދި މިކަމާއި ބެހޭގޮތުން ސަލްމާނާއި މިހާރު ވާހަކަ ދައްކާފައިވާކަމަށް ވިޖެޔަންދްރަ ބުނެއެވެ.

ކަބީރު ޚާން ޑައިރެކްޓްކުރި މި ފިލްމުގައި ސަލްމާންގެ އިތުރުން ކަރީނާ ކަޕޫރާއި ، ހަރްޝާލީ މަލޯތްރާ އަދި ނަވާޒުއްދީން ސިއްދީޤީވެސް ފެނިގެންދިޔައެވެ. ސަލްމާންގެ ފިލްމީ ކެރިއަރުގައި ފެނުނު އެންމެ ހިތްގައިމު އެއް ފިލްމުކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި މިއީ ހިންދީ ސިނަމާގައިވެސް ފާހަގަކޮށްލެވޭ ފިލްމެކެވެ.

މި ފިލްމަކީ އާމިރް ޚާންގެ ޕީކޭއަށްފަހު ބޮކްސް އޮފީހުގައި 300 ކްރޯޑް ރުޕީސްއިން މަތީގެ ފައިދާއެއް ދެވަނަ އަށް ހޯދި ފިލްމެވެ. ފިލްމު ގުނާލެވެނީ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ މަތިން ފައިދާ ހޯދި 5 ފިލްމުގެ ތެރޭގައެވެ.

ވިޖެޔަންދުރަ ޕްރަސާދް މިހާރު މަސައްކަތް ކުރަމުން އަންނަނީ ދަރިފުޅު އެސް އެސް ރާޖްމައުލީ ޑައިރެކްޓްކުރާ "އާރްއާރްއާރް" ރިލީޒްކުރުމުގެ މަސައްކަތެވެ. މީގެއިތުރުން މިދިޔަ އަހަރު މުޅިދުނިޔެއިން އެންމެމޮޅު ޓީޗަރުގެ މަޤާމް ހޯދާފައިވާ ޕްރައިމަރީ ޓީޗަރެއްކަމަށްވާ ރަންޖީތްސިން ޑިސޭލްގެ މައްޗަށް ހަދާ ބަޔޯޕިކް އެއްގެ މަސައްކަތްވެސް ވިޖެޔަންދްރަ އަންނަނީ ކުރަމުންނެވެ.