ޚަބަރު

ސަސް ދޫކޮށް ކީޕަރު މިރްޒޮހިދު މަމަކްތޯނޯފް މާޒިޔާއާ ގުޅިއްޖެ


އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ޗެމްޕިއަން މާޒިޔާއަށް ބަދަލުވެއްޖެއެވެ. އެންމެ ފަހުގެ ލީގު ޗެންޕިއަން މާޒިޔާއަށް މަމަކްތޯނޯފް ބަދަލުވެފައިވާއިރު ނިމިގެންދިޔަ ސީޒަންގައި އޭނާ ކުޅެފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށެވެ.

މާޒިޔާއިން ދަނީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރަމުންނެވެ. އެ ޓީމުގެ އެންމެ ފުރަތަމަ އަމާޒަކީ އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިއުމެވެ.

އުމުރުން 27 އަހަރުގެ މަމަކްތޯނޯފްވަނީ އުޒްބަކިސްތާންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ޓީމުތަކަށް ކުޅެފައެވެ. މިދިޔަ ސީޒަނުގައި ސަސްއިން ކުޅުނު ހުރިހާ މެޗެގައިވެސް އެ ޓީމުގެ ގޯލު ބެލެހެއްޓި މަމަކްތޯނޯފްވަނީ ލީގުގައި މޮޅު ކުޅުމެއްދައްކާފައެވެ. ނިމިގެންދިޔަ ސީޒަނުގައި މާޒިޔާގެ ގޯލު އެންމެ ފުރަތަމަ ބަލަހައްޓާފައިވަނީ ސަރބިއާގެ ގޯލުކީޕަރު ނިކޮލަ ވުޔަނަކްއެވެ. ނަމަވެސް ނިކޮލަ ވުޔަަނަކް ފޮނުވާލުމުން މާޒިޔާގެ ގޯލު ބަލަހައްޓާފައިވަނީ ކީޕަރު ހުސެއިން ޝަރީފްއެވެ.

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމަށް މާޒިޔާއިން މަސައްކަތްކުރަމުންދާއިރު، އޭއެފްސީ ކަޕުގައި ދެކުނު އޭޝިއާއަށް ޚާއްސަ ގުރޫޕުގައި މާޒިޔާއާއެކު އޮތީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއެވެ. މި ގުރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޯފްގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާ އޭއެފްސީ ކަޕުގެ ޕްލޭއޯފް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 15ވަނަ ދުވަހުއެވެ. އަދި ގުރޫޕް ސްޓޭޖްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 އިން 24އަށެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް ގުރޫޕް، ގްރޫޕް ޑީގެ މެޗްތައް ހޯސްޓު ކުރުމަށް ރާއްޖެއާއި ބަންގްލަދޭޝްއިން ބިޑްކޮށްފައިވާއިރު، މިހާރުވެސް ބަންގްލަދޭޝްގެ ކޯވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން ސާފް ސުޒުކީ ކަޕްވެސް ބޭއްވޭނެކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ.