ޚަބަރު

ޤިޞާސް ހިފުމަށް ކުރާ ހުކުމް ތަންފީޒް ކުރުން ރައީސަށް ލާޒިމް- ކޯޓު


މަރަށް މަރުހިފުމަށް ކުރާ ހުކުމްތައް ތަންފީޒްކުރުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްވާނޭކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.އެކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ މަރުގެ އަދަބު އިއްވޭ މީހުންނަށް އެ އަދަބު ރައީސުލްޖުމްހޫރިއްޔާއަށް ލުއިކޮށްދެވިދާނެކަމަށް، އަދަބު ލުއިކޮށްދިނުމާއި މައާފް ކޮށްދިނުމުގެ ގާނޫނޫގައި ބުނާ މައްދާއަކީ ޤާނޫނޫ އަސާސީއާއި އިސްލާމީ ޝަރީއަތާއި ޚިލާފް މާއްދާއެއް ކަމަށް ބުނެ އެ މާއްދާ  ބާޠިލްކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ދަޢުލަތާއި ދެކޮޅަށް ދައުވާކުރި މައްސަލާގައެވެ.ހައިކޯޓުން މިއަދު އިއްވި  ޙުކުމްގައި ބުނެފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށްސާބިތުވި މީހެއްގެ މައްޗަށް މަރަށް މަރު ހިފުމަށް ހުކުމްކުރުން އެ މައްސަލަ ބައްލަވާ ފަނޑިޔާރެއްގެ މައްޗަށް ލާޒިމްވާ ފަދައިން އެ ހުކުމެއް ތަންފީޒްކުރުން އިސްލާމީ ދައުލަތުގެ ހާކިމާގެ މައްޗަށްވެސް ލާޒިމްވެގެންވާނޭކަން ޝަރުއީ އުސޫލްތަކަށް ބެލުމުން އެނގެން އޮންނަކަމަށެވެ.ގަސްތުގައި މީހަކު މަރައިގެން، މެރުމަށް ކުރެވޭ ޙުކުމްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޢާފް ދެވެން ނޯންނާނެކަމަށާއި، އެހެން ކުށްތަކުގައި މަރުގެ އަދަބު ދިނުމަށް ކުރާ ޙުކުމްތައް މަޢާފްކޮށްދިނުން ނޫނީ ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށް ހައިކޯޓްގެ ހުކުމްގައިވެއެވެ. ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ޓެރަރިޒަމްގެ ކުށުގައިވެސް މަރުގެ އަދަބު ކަނޑައެޅިދާނެކަމަށް ޓެރަރިޒަމް މަނާކުރުމާއި ބެހޭ ޤާނޫނުގައި ބުނެފައިވެއެވެ.