ޚަބަރު

7 އޯގަސްޓް އިންތިޚާބު: 5 ދާއިރާއެއްގައި އިންތިޚާބަކާއި ނުލައި ގޮޑިތައް ކަށަވަރުވެއްޖެ


އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި އިންތިޚާބަކާއި ގޮޑިތަކަށް މެމްބަރުން އިންތިޚާބު ވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބު އޯގަސްޓް 7 ވަނަ ދުވަހު ބޭއްވުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އިންތިޚާބަކާއި ނުލައި 5 ދާއިރާއެއްގެ ގޮޑިތައް ކަށަވަރުވެފައިވަނީ، ކުރިމަތިލާންޖެހޭ އަދަދަށް މެމްބަރުން ކުރިމަތި ލުމުންކަމަށެވެ. އިންތިޚާބަކާއި ނުލައި ގޮޑިތައް ކަށަވަރުވެފައިވަނީ، ލ.މާބައިދޫ، ބ.ފުޅަދޫ، މ.ރަތްމަންދޫ، ވ.ރަކީދޫ އަދި ހއ.ވަށަފަރުގެ އަންހެނުގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށެވެ.

އޯގަސްޓް މަހުގެ 7 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ދާއިރާއެއްގައެވެ. އެއީ ހދ.ނޮޅިވަރަމާއި، ކ.ދިއްފުއްޓާއި، އއ.ފެރިދޫގެ އިތުރުން ނ.ކެނދިކުޅުދޫގައެވެ. ހަސަން ވިދާޅުވީ މި ހަތަރު ރަށުގައި ކަނޑައެޅިފައިވާ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކޮމިޝަނުން ކުރަމުންދާކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރާރުއެމްގެ 3 މެމްބަރުންނެވެ. ދެން އިންތިޚާބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން ހދ.ނޭކުރެންދޫގައި ހުސްވެފައިވާ ދެ ގޮޑީގެ ތެރެއިން އެއްގޮޑިއަށް އަދިވެސް މީހަކު ކުރިމަތިލާފައިނުވާތީ އަލުން އަނެއްކާވެސް އެގޮޑިއަށް ހުޅުވާލާނެކަމަށް ހަސަން ވިދާޅުވިއެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަކީ ރާއްޖޭގެ ތާރީޚުގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވުނު ފުރަތަމަ ފަހަރެވެ.