ޚަބަރު

ސާފް ޗެމްޕިއަންޝިޕް ބާއްވަން ނޭޕާލުން ތައްޔާރުކަމަށް ބުނެފި


ސާފު ޗެމްޕިއަންޝިޕް މި އަހަރު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖައްސާފައިވީ ނަމަވެސް އެ ޤައުމުގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ކުޑަވުމުން، މުބާރާތް ބާއްވަން ނޭޕާލުން ތައްޔާރަށް އޮތްކަމަށް އެ ޤައުމުން އިޢުލާނުކޮށްފިއެވެ.

ބަންގްލަދޭޝްގައި މުބާރާތް ނުބޭއްވޭނެކަމުގެ ޔަޤީންކަން ނެތުމުން، ނޭޕާލުން މުބާރާތް ބާއްވަން ތައްޔާރުވުމަށް އެ ޤައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ ވަނީ އޯލް ނޭޕާލް ފުޓުބޯލް ފެޑެރޭޝަނަށާއި އެ ޤައުމުގެ ސްޕޯޓްސް ކައުންސިލަށް ގޮވާލައްވާފައެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު އޮތީ އަދިވެސް ގޯސްކޮށެވެ. އެހެންވެ، އެ ޤައުމުގައި މުބާރާތް ބޭއްވުމުގެ ހުއްދަ ސަރުކާރުން ދޭނެކަމަކަށް ނުބެލެވެއެވެ. މުބާރާތް ބޭއްވޭނެ ކަމާމެދު ޔަޤީންކަން ދޭނެ ގޮތެއް ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަން (ބީއެފްއެފް)އަށް އަދިވެސް ހޯދިފައެއް ނުވެއެވެ.

ސާފްގެ ޖެނަރަލް ސެކެޓްރީ ބަންގްލަދޭޝްގެ އަންވާރުލް ހައްގު ހިލާލް، އެ ޤައުމުގެ ޖަގޯ ނިއުސްއަށް ކުރިންދިން އިންޓަވިއުއެއްގައި ވިދާޅުވީ ފަސް ޓީމު ވާދަކުރާނަމަ މުބާރާތުގެ ގުރޫޕް ސްޓޭޖު ކުރިއަށް ގެންދާނީ ލީގު އުސޫލުންކަމަށެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފައިނަލަށް ދާނީ އެންމެ ގަދަ ދެ ޓީމެވެ. ސާފްގެ ހަތް ޤައުމުގެ ތެރެއިން މުބާރާތުގައި ވާދަކުރާނީ ފަސް ޤައުމުންނެވެ.

ބޫޓާނުން ވަނީ ކޯވިޑް-19ގެ ޙާލަތު އޮތް ގޮތުން މުބާރާތުގައި ބައިވެރިނުވާން ނިންމައިފައެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގައެވެ.